ޗައިނާގެ އަގު ހެޔޮ އުފެއްދުންތަކަކީ ހުޅަނގުގެ ޤައުމުތަކުގެ އުފެއްދުންތަކަށާއި އެހެން ޤައުމުތަކުގެ އުފެއްދުންތަކަށްވެސް އަސަރު ކުރާ ކަމެކެވެ. ޗައިނާގެ އަގުހެޔޮ އެކްސްޕޯޓު އެކްސްޕޯޓްތަކާއި ހީވެސް ނުކުރާވަރުގެ ދަށް އަގުތައް ކަނޑައެޅުމުގެ އިގްތިސާދީ ސްޓްރެޓެޖީތަކުގެ ސަބަބުން ބޭހާއި އިލެކްޓްރޯނިކް ވެހިކަލްއާއި ސޯލާ ވެހިކަލް، ކަރުދާސް، ރަބަރު، އަދި ދުނިޔޭގެ ދަގަނޑާއި ކެމިކަލް ފަދަ އަސާސީ ސިނާއަތްތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ބެއިޖިންގެ މި އެކްސްޕޯޓް ސްޓްރެޓެޖީގެ މައިގަނޑު ސަބަބަކީ ޗައިނާގެ އެތެރޭގެ އިޤްތިސާދީ ހާލަތެވެ. ޗައިނާގައި އިގްތިސާދު ހީނަރުވުމާއި، ވަޒީފާނެތް މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ޑޮމެސްޓިކް ޑިމާންޑް ވަނީ ދަށްވެފައެވެ.
ރިއަލް އެސްޓޭޓް ދާއިރާއަށް މާގިނައިން އިންވެސްޓްކުރުމަކީ މިހާރުގެ އިގްތިސާދީ ހާލަތުގެ މައިގަނޑު ސަބަބެވެ. އެހެންވެ ޗައިނާގެ އެކްސްޕޯޓު އިތުރު ވުމުން ޤައުމުތަކުން ދަނީ އެއިން ސަލާމަތް ވާނެ ގޮތްތއް ހޯދަމުންނެވެ.
2000 ގެ އަހަރުތަކުގައި ޓެކްސްޓައިލްސް އާއި އަގުހެޔޮ އިލެކްޓްރޯނިކްސް އިން ދުނިޔޭގެ މާކެޓްތައް ބަންޑުން ޖަހާލި ހާލަތަށް ދީފައިވާ ނަމަކީ ”ޗައިނާ ޝޮކް“ އެވެ. މިހާރުގެ ހާލަތުގައިވެސް އިތުރަށް އަގުހެޔޮކޮށް އެކސްޕޯޓު ކުރުމުން އެއީ ”ޗައިނާ ޝޮކް 2.0“ ކަމަށް ބުނެއެވެ.
ޗައިނާގެ ސޯލާ ޕެނަލް އާއި އިލެކްޓްރިކް ވެހިކަލް ފަދަ އަގުހެޔޮ ހައިޓެކް ޕްރޮޑަކްޓްތައް ދުނިޔޭގެ މާކެޓްތަކުގައި އާންމު ވެފައި ވެއެވެ. މިކަންކަމާ ކުރިމަތި ލުމަށް ޤައުމުތަކުން ވަނީ އެންޓި ޑަމްޕިން ޑިއުޓީ ތައާރަފް ކޮށްފައވެ.
މިފަދަ އެއް މިސާލަކީ ޗައިނާއިން އިންޑިއާގެ މާކެޓަށް އަޅާލި އަގު ހެޔޮ ޓަޔަރުތަކެވެ. އިންޑިއާއިން އެކަމާ ކުރިމަތިލީ ހަރުކަށި އިމްޕޯޓް ޑިއުޓީ ތައާރަފް ކޮށްގެންނެވެ. މިއަހަރު ޖުލައިގައި ވެސް އިންޑިއާއިން ވަނީ ޗައިނާގެ ހައިޑްރޮލިކް ރޮކް ބްރޭކަރާއި އެސްއެސް ޕްލޭޓު އުފައްދާ އިލެކްޓްރޯލައިޓިކް ޓިން ޕްލޭޓް ފަދަ ބައެއް ބާވަތްތައް އެތެރެކުރުމުން އެންޓި ޑަމްޕިން ޑިއުޓީ ނަގަން ފަށާފައެވެ.
އަނެއްކާވެސް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއިން ވަނީ ތިން ވައްތަރެއްގެ ކެމިކަލް އާއި ކަޅު ޓޯނަރ ޕައުޑަރ ކާޓްރިޖް އާއި ޗައިނާގެ އިތުރު ހަ އުފެއްދުމަކާ ދެކޮޅަށް އެންޓި ޑަމްޕިން ޑިއުޓީ ތައާރަފް ކޮށްފައެވެ.
ޔޫރަޕްގެ ޖަމާއަތުންވެސް ވަނީ ޗައިނާއިން ޑަމްޕް ކުރާ ސޯލާ ޕެނަލް އާއި އިލެކްޓްރިކް ވެހިކަލް މަނާކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ.
ތައިލެންޑް، މެކްސިކޯ، ބްރެޒިލް، އަދި ޗިލީ އިން ވެސް ވަނީ ޗައިނާއާ ދެކޮޅަށް އެންޓި ޑަމްޕިންގ ފިޔަވަޅުތަކެއް އަޅާފައެވެ.






