ޑިސެމްބަރ 23, 2024 09:00

ކަނބުލޮ (ފަސްވަނަބައި)

ކަނބުލޮ (ފަހުބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޮކްޓޯބަރ 26, 2024

”ހަމަ ޙަޤީޤަތުގަވެސް މިއީ އިޙުސާންގެ ކޮއްކޮއެއްތަ؟ ކޮއްކޮ ތެދުތެދަށް ބުނެބަލަ، މިއީ މިރަށު ކުއްޖެއް ނޫންދޯ؟“ އެކުއްޖާގެ މަޢުލޫމާތު އިތުރަށް އޮޅުންފިލުވަން ކެތްމަދުވެފައިވާ ޒާތަކަށް އަހަރެންނަށް ސުވާލު ކޮށްލެވުނެވެ. ”ނޫނެކޭ ބޭބޭ. މިއީ ހަމަ އަސްލުވެސް ކަތީބު ގޯތި އިޙުސާނާއޭ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެވެސް އަހަރެންނާއިއެކު އުޅޭނީ. ބޭބެ ކުޑައިރު އަންނައިރުވެސް މީނަ ފެންނާނެ. ބޭބެ ހަނދާނެއް ނުވޭތަ؟“ އިހުސާނާގެ ވަނަވަރު އިތުރަށް އޮޅުންފިލުވައިދިނުމަށް ލިއުޝާ ކޮއްކޮ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.  ”އާނ ދެން އެންމެ ރަނގަޅު ބޭބެ ޤަބޫލުކޮށްފިން. ކޮއްކޮ ތިހެން ބުނީމަ އިޙުސާންއާ ކުޑަކޮން ވައްތަރުވާ ގޮތް ހުރިހެންވެސް އެބަ ހީވޭ.“ ސަމާސާ ގޮތަކަށް އަހަރެން ބުނެލީމެވެ. އަދި ކޮއްކޮއާއި އިތުރަށް ބަހުސް ނުކުރުމަށް ނިންމީމެވެ. ލިއުޝާ ކޮއްކޮ އަހަރެންގެ އަތު މުލައްދަނޑީގައި އޭނަގެ އަތުގެ އިނގިލިތަކުން ލުއި ގޮތަކަށް ޖަހާލަމުން ”ބޭބެވެސް ދޯ. އެއްބަނޑު އެއްބަފާ ދެބެން ވިއްޔާ ވައްތަރުވެސް ވާނެއެއްނު“ ބުނެލުމާއިއެކު ހީނލިއެވެ.

އެކަމަކު ހައިރާން ވާން ޖެހުނު ކަމަކީ، އަހަރެމެން ދެމީހުން އެތަނުގައި ތިބެގެން އެހުރިހާ ވާހަކައެއް ދައްކަމުން ގެންދިޔައިރުވެސް އިޙުސާނާ، އެހެނީ އަހަރެން ޤަބޫލުކުރާ ގޮތުންނަމަ ”ކަނބުލޮ“އަށް ކަހަރު ވަކެކޭވެސް ހީނުވީތީއެވެ. އަޑު އިވޭ ކަމަށްވެސް ނުހަދާ އެއިންނަނީ ހަނޑޫ ދޮލަނގަށް އަތް ބާނައިގެން ހަނޑޫ ހޮވާ ކަމަށް ހަދައިގެންނެވެ. ”ދެން އެހެންވިއްޔާ އިހުސާނާ އެއިނީ ކަންފަތަށް އުނގުރިއެއް ޖަހައިގެންތަ؟ އޭނާގެ ވާހަކަ އަހަރެމެން މިވަރަށް ދައްކާއިރުވެސް އެއިންނަނީ ހަމަ އަޑު އިވޭ ކަމަށްވެސް ނުހަދާ ވިއްޔަ.“ އެހެން ނަމަކުން އޭނާއަށް މުޚާތަބުކޮށް ވާހަކަ ދައްކަން ކިތަންމެ އުނދަގޫ ކަމުގައި ވީނަމަވެސް އެއްޗެކޭ ހީކުރޭތޯ ބަލާލުމުގެ ނިޔަތުގައި ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. އަދި އެއްވެސް ކަހަލަ އިޝާރާތެއް ވޭތޯ ކަތި ނަޒަރަކުން ބަލާވެސް ލީމެވެ. ހަމަ އިވޭ ކަމަށްވެސް ނުހަދައެވެ. އެހެނަސް ލިއުޝާ ކޮއްކޮގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަތަން ފެނުނެވެ. މޮޅިވެރިކަން ވެރިވެގެން ދިޔަ ކަހަލަ ގޮތަކަށެވެ. އަނެއްކާ އަހަރެންނަށް މިބުނެވުނީ ބުނަން ނުވާ ވަރުގެ ވާހަކައެއްތޯ ކޮއްކޮ ކައިރީގައި އަހާލައިފީމެވެ. ކޮއްކޮ ވަރަށް ދެރަވެފައި ހުރެގެން އިހުސާނާގެ ޙަޤީޤަތް ކިޔައިދޭން ފެށިއެވެ. ”އިހޫ އަކީ އުފަންވިއިރު ހަމަ ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރި ކުއްޖެއް. އެކަމަކު އޭނަގެ އުމުރުން ފަސް އަހަރުގައި ޖެހުނު ގަދަ ހުމެއްގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ވާހަކަ ދެއްކުމާއި އަޑު އިވުމުގެ ހިއްސު ނެތިގެން ދިޔައީ. އޭރު ކަތީބު ބޭބެމެންވެސް އެކި ގޮތްގޮތުން ފަރުވާކުރަން މަސައްކަތްކުރި ވާހަކަ މަންމަވެސް ބުނި. އެކަމަކު އެއްވެސް ކަހަލަ ފަރުވާއަކުން ހައްލެއް ނުލިބުނު ކަމަށް ވަނީ. އިހޫ ގޮވައިގެން އެކި ރަށްރަށަށްވެސް ދަތުރު ކުރިޔޯ މަންމަ ބުނީ. ދެން އެންމެފަހުން މާޔޫސް ވެގެން ފަރުވާ ކުރުންވެސް ހުއްޓާލީ.“ އަހަރެންގެ ހިތުގައި އިހުސާނާއާއި މެދު އުފެދުނީ ކޮންކަހަލަ ހަމްދަރުދީއެއް ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެންވެސް ހުރެވުނީއެވެ. ”އެހެންވީމަ ކޮއްކޮ ތިބުނީ މީނައަކީ އަޑު އިވުމާ ވާހަކަ ދެއްކުމުން މަހުރޫމުވެފަވާ ކުއްޖެކޭތަ؟“ އަހަރެން ކުރި ސުވާލަށް ކޮއްކޮ އުންމީދީ ޖަވާބެއް ދޭނެ ކަމުގެ އުންމީދުގައި ސުވާލު ކޮށްލީމެވެ. އެހެނަސް އާނއެކޭ ބުނުމުގެ ގޮތުން ކޮއްކޮ ބޯ ޖަހާލިއެވެ.

އިހުސާނާއަށް އަހަރެން ހުރިކަން އަންގައި ދިނުމުގެ ބޭނުމުގައި ލިއުޝާ ކޮއްކޮ އޭނާގެ އަތުގައި ކޮށްޓާލުމުން އިސް އުފުލާ ބަލައިލިއެވެ. އޭނާ އެންމެ ފުރަތަމަވެސް ބަލައިލީ އަހަރެންނާއި ދިމާއަށެވެ. ބަލައިލުމާއިއެކު ފުންމައިގެން ތެދުވެ، ލިއުޝާ ކޮއްކޮގެ ފުރަގަހަށް ވަނެވެ. ކޮއްކޮގެ އަތުގައި ކޮއްޓާތަން އަހަރެންނަށް ފެނުނެވެ. ކޮއްކޮ އޭނާއާއި ދިމާއަށް އެނބުރުމުން އިޝާރާތުން ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ. ލިއުޝާ ކޮއްކޮ ބާރަށް ހޭން ފެށިއެވެ. ބިނދި ބިނދިފައި ހެނީއެވެ. ވީކީއްތޯ އަހާލީމެވެ. އިހުސާނާ ހުރީ ހަދާނެގޮތް ހުސްވެފައިވާ ކަހަލަ ގޮތަކަށެވެ. އަހަރެން ހުރީ ކޮއްކޮގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ވާނުވާ ނޭންގިފައެވެ. ހެމުން ހެމުން ބުނެވޭ ނުބުނެވޭ ޙާލުގައި ކޮއްކޮ އަހަރެންނާއި ސުވާލު ކޮށްލިއެވެ. ”ތިހެން ވިއްޔާ ބޭބެއަށް މިއަދު އެއްވެސް ތަނަކުން އިހޫ ފެނުނުތަ؟“ ބުނަން ނުކެރިފައި ހުރިކަހަލަ ގޮތަކަށް ހުރެ، ފުއްޓަރާއި ދިމާލުން ދުށިން ކަމުގައި ބުނީމެވެ. އިހުސާނާ ކައިރިޔަށް ދިޔައިންތޯވެސް ކޮއްކޮ އަހާލިއެވެ. ދަންނަ ކުއްޖެއްހެން ހީވާތީ ކޮންމެވެސް ވަރަކަށް ކައިރިޔަށް ޖެހިލިން ކަމަށް އަހަރެން އެއްބަސް ވީމެވެ. ”ބޭބެ ވަދެގެން އައިވަޤުތު އަހަރެން ބުނީމެއްނު އިހޫ ކޮންމެވެސް އެއްޗެކޭ އެބަ ކިޔައޭ؟ އޭރު އިހޫ ދުވެފަ އައީ މިގެއަށް. މައިނޭވާ ލެވިލެވި ހުރީ. ދެން ބުނީ ކޮންމެވެސް ބީރައްޓެއްސަކު އޭނަ ކައިރިޔަށް އައިސް ވާހަކަ ދައްކަން އުޅުނިއްޔޯ. އެހެންވެ ބިރުން ދުވެފަ އައިއްޔޯ. މިހާރު މިއެނގުނީ އެއީ ބޭބެކަން. އެހެންވެ މިހެނީ. ބޭބެ ދޯ އިހޫ ބިރުގަންނަވާލީ؟“ ކުޑަކޮށް ލަދުގަންނަ ކަހަލަ ގޮތެއް ވިއެވެ. ”ނޫނޭ. އެއްގޮތަކަށް ވެސް ބިރުގަންނަވާލާކަށް ބޭނުން ވެގެންނެއް ނޫން ކައިރިއަށް ދިޔައީ. ކޮންމެވެސް ވަރަކަށް ދަންނަ ކުއްޖެއްހެން ހީވީމަ ޔަޤީން ކޮށްލުމުގެ ނިޔަތުގަ ކައިރިޔަށް ޖެހިލީ. އެކަމަކު އިތުރަށް އެއްޗެކޭ ބުނަންވާއިރަށް ދުއްވައިގެންފި ވިއްޔަ. ނަސީބެއްނު މިގެއިން ދިމާވިކަން. އެހެން ނޫންނަމަ އިހުސާނާ ޤަބޫލު ކުރާނީ މަ މިއީ ފުރޭތައެއް ކަމަށް ވިއްޔަ.“ ކޮއްކޮ އަނެއްކާވެސް ހޭން ފެށިއެވެ. އަދި އިހުސާނާއަށް އަހަރެން މިއީ ކާކުކަން ބުނެދިނުމުގެ ގޮތުން އިޝާރާތެއް ކޮށްލިއެވެ. އަހަރެންނާއި ދިމާއަށް ވައްކަޅިން ބަލާލުމާއިއެކު އިހުސާނާ ބޯޖަހާލިއެވެ. އަދި ގެއަށް ދަނީއޭ ބުނާކަހަލަ ގޮތަކަށް އިޝާރާތް ކޮށްލުމާއިއެކު ހިނގައިގަތެވެ.

އިހުސާނާ ނިކުމެގެން ދިޔަފަހުންވެސް އަހަރެންނަށް ހުރެވުނީ ގޭގެ ބޭރު ދޮރާއި ދިމާއަށް ބަލަހައްޓާއިގެންނެވެ. ކޮއްކޮ ފާޑަކަށް ކަރުކެހިލާފައި އަހަރެންގެ ސަމާލުކަން ހޯދަން މަސައްކަތް ކޮށްލިއެވެ. އަހަރެންވެސް ނޫންކަމަށް ހަދާފައި ކޮއްކޮއާއި ދިމާއަށް އެނބުރިލީމެވެ. އަދި ޢިޝާރާތުގެ ބަހުރުވަ އަހަރެންނަށްވެސް ދަސްކޮށްދިނުމަށް ކޮއްކޮގެ ކިބައިން އެދުނީމެވެ. ”އަސްތާ، އަނެއްކާ ކިހިނެއްވީ؟ އިހޫ މާބޮޑަށް ކަމުދިޔައީތަ؟“ އަހަރެންނާއި ސަމާސާ ކޮށްލުމުގެ ގޮތުން ލިއުޝާ ކޮއްކޮ ބުނެލިއެވެ. ”އެހެން ކަމަށްވެސް ވެދާނެތާ ދޯ“؟ ނޫން ކަމަށް ހަދާފައި ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. އެންމެ ކުޑައިރުއްސުރެންވެސް އަހަރެންނާއި ލިއުޝާ ކޮއްކޮއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ކޮއްކޮ ބޭބެގެ ގުޅުމުގެ އިތުރުން އަހަރެމެން ދެމީހުންގެ ދެމެދުގައި ރަޙުމަތްތެރި ކަމުގެ ގުޅުމެއްވެސް އޮވެއެވެ. އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަމެވެ. ހިއްސާވެސް ކުރަމެވެ. ދެފަސްގަނޑެއްގައި ދިރިއުޅޭތީވެ ދުވަހުން ދުވަހަށް ޚަބަރު ނުވެވުނަސް ސިޓީ މެދުވެރިކޮށް އަބަދުވެސް މުޢާމަލާތް ކުރަމުން ގެންދަމެވެ. އެހެނަސް އަހަރެންގެ ޙަޔާތުގެ އެންމެ ބޮޑު ސިއްރު ކޮއްކޮއަކާއިވެސް ހިއްސާއެއް ނުކުރަމެވެ. ކަނބުލޮގެ އެދުމުގެ މަތިން އެންމެ ފަހު ވަޤުތާއި ޖެހެންދެންވެސް  އެގުޅުން ބޭއްވީ އަދި އިންޝާﷲ ބާއްވާނީވެސް އެންމެންނަށްވެސް ސިއްރު ކޮށްފައެވެ. އެއްވެސް މީހަކަށް އެކަހަލަ ޢިޝާރާތެއް ވެގެން ސުވާލު ކުރިޔަސްވެސް އޭގެ ޙަޤީޤަތް އެކަކަށްވެސް ނާންގަމެވެ.

ކޮންމެއަކަސް ކޮއްކޮ ވަރަށް މާޔޫސްވެ ހުރެ އިހުސާނާގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ. އޭނާގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން ކައިވެނި ކުރާނެ މީހަކު ނުވާކަމަށްވެސް ބުންޏެވެ. އާއެކެވެ. އެއީ ރީތި ކުއްޖެކެވެ. ކަނބުލޮ ފަދައިންނެވެ. ކޮއްކޮ ބުނި ގޮތުން ނަމަ ގެވެހި ދިރިއުޅުމެއް އުޅެވޭނެ ހުރިހާ ސިފަތަކެއް އޭނާގެ ކިބައިގާ އެބަ ހުއްޓެވެ. އިހުސާނާގެ ވާހަކަ ކޮއްކޮ ކިޔައިދެމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގައި އޭނާއާއިމެދު ހަމްދަރުދީ އުފެދެމުން ދިޔައެވެ. އަދިވެސް އެއްފަހަރު ދެކިލާ ހިތްވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަދި އެއީ ކަނބުލޮ ނޫންކަން ޤަބޫލު ކުރެވެމުންވެސް ދިޔައެވެ. އެހެނަސް އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެނބެމުން މިދަނީ ކީއްވެގެން ކަމެއް ނޭންގުނެވެ. ކަނބުލޮއާއި ވައްތަރު ވީމަ ބާވާއެވެ. ނޫނީ އެނާގެ ޙާލަތަށް ހަމްދަރުދީ ވަނީ ބާވައެވެ. އަހަރެންގެ ހިތް އަހަރެންނަށް ބުނެދޭން މިއުޅެނީ ކީކޭ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. މިހުރިހާ ވިސްނުމެއްގައި ހުރެ އަހަރެން އެތަނުން ތެދުވަގެން ހިނގައިގަތީމެވެ. ނޭންގި ނަމަވެސް އަހަރެންނަށް ގޮސް ވަދެވުނީ ކަތީބު ގެއަށެވެ. އެގެއަށް ވަދެފައި ސަލާމް ގޮވާލުމުން ބޭރު އުނދޯލީގައި އިންނެވި ކަތީބު ބޭބެ ސަލާމްގެ ރައްދު ދެއްވިއެވެ. އިހުސާން ގޭގައި އުޅޭތޯ އަހަރެން ސުވާލު ކޮށްލީމެވެ. ކަތީބު ބޭބެ އިހުސާން ގޭގައި އުޅޭ ކަމަށް ބުނުއްވުމާއިއެކު އަހަރެން މިއީ ކާކުތޯ އޮޅުންފިލުއްމުގެ ގޮތުން ސުވާލު ކޮށްލެއްވިއެވެ. އަހަރެންގެ ވަނަވަރު އޮޅުން ފިލވައިދިނުމުން އަވަހަށް ގެއަށް ވަދެ އިހުސާންއާއި ބައްދަލު ކުރުމަށް އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލެއްވިއެވެ. ވަދެގެން ދިޔައިރު އަހަރެންގެ ކަޅި އެކި ދިމަދިމާއަށް ހިންގަމުން ގެންދެވުނީ އިހުސާން ފެނޭތޯއެއް ނޫނެވެ. އެހެނަސް އިހުސާނާ ހޯދުމުގެ ނިޔަތުގައެވެ. ގޭތެރޭގެ ވަކި ހިސާބަކުން އިހުސާންއާއި ބައްދަލު ވެއްޖެއެވެ. އަހަރެންނާއި ސަލާމް ކޮށްލުމާއި އެކު ދެން ދާންވާނީ މެންދުރު ކައިގެންނޭ ބުނެ އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

މެންދުރު ކެއުމުގެ ސުފުރާ މަތީ، ކަތީބު ބޭބެއާއި އިހުސާން އަދި އަހަރެން އިށީނީމެވެ. އަހަރެމެންގެ ޚިދުމަތިގައި ތިބީ އިހުސާންގެ މަންމަ އައިމިނަ ދައްތަ އަދި އިހުސާނާއެވެ. އަހަރެންގެ ކަޅި ގިނަ ވަޤުތު ހުރީ އިހުސާނާގެ ހަރަކާތްތަކަށް ބަލަބަލައެވެ. އިހުސާނާއަށް އެކަން ފާހަގަވެސް ކުރެވުނެވެ. އެހެނީ އޭނާވެސް އަހަރެންނަށް ބަލަމުން ގެންދިޔައެވެ. ކަތި ނަޒަރަކުންނެވެ. ކައި ނިމިގެން ނިކުމެ ބޭރު އުނދޯލީގައި އަހަރެންނާއި އިހުސާން އިށީންދެލައިގެން އިނދެ އެކި ކަހަލަ ވާހަކަތައް ދައްކަމުން ގެންދިޔައީމެވެ. އެއްޗެކޭ ހީނުކުރުމަށް އެދެމުން އިހުސާންގެ ކިބައިން އޭނާގެ ކޮއްކޮގެ މަޢުލޫމާތު އިތުރަށް އޮޅުން ފިލުވަމުން ގެންދިޔައީމެވެ. ވަރަށް ނާއުންމީދީ ގޮތަކަށް ކޮއްކޮގެ ވާހަކަތައް އިހުސާން ކިޔައިދެމުން ގެންދިޔައެވެ. ވާނުވާ ނޭންގި ހުރެ ނަމަވެސް އަހަރެންނަށް އިހުސާނާ ކަމުދާން ފަށައިފިއެވެ. މުޅި އުމުރަށް އަހަރެންގެ މީހަކަށް އޭނާ ހެދުމުގެ އިހުސާސެއް ކުރެވެމުން ދިޔަ ކަހަލައެވެ. އެހެނަސް އެކަހަލަ ވާހަކައެއް އަހަރެންގެ ރަހުމަތްތެރިޔާ ގާތުގައި ބުނުމަށް އަދި ތަންކޮޅެއް އަވަސް ކަމަށް އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ.  މިވިސްނުމުގައި ހުރެ، ގެއަށް ދިއުމަށް އެދި އިޒުނައަށް އެދުމުން ހަވީރު ކުޅެން ދިއުމަށް އިހުސާނު ދަޢުވަތު ދިނެވެ. އަހަރެން އާނއެކޭ ބުނުމާއިއެކު ގެއަށް ދިއުމަށް ހިނގައިގަތީމެވެ.

ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެން ރަށަށް އައި މަޤްޞަދު ކޮންމެވެސް ވަރަކަށް ޙާޞިލުވާހެން ހީވާންފެށިއެވެ. ރަށަށް އައި އިރު ހިތުތެރޭގައި އޮތް ހިތާމައާއި ފިކުރުތަކަށް ލުއި ލިބެމުން ދިޔައީތީއެވެ. އެހެނަސް ކަނބުލޮގެ ހަނދާންތައް އަހަރެންގެ ހިތުން މުޅިން ފޮހެވިގެން ދިޔަކަމަކަށް އަހަރެން ޤަބޫލެއް ނުކުރާނަމެވެ. އެހެނީ ކަނބުލޮގެ އިހުސާސްތައް އަބަދުވެސް އަހަރެންނާއިއެކު ވާތީއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހަމަ އެއްގަޑިޔަކަށް ރަށުގެ ފުއްޓަރު ފަރާތައް ދަމެވެ. އަދި އެތަނުގައި އިނދެ އަމިއްލަ ނަފްސާއި އެތައް ވާހަކަތަކެއް ދައްކަމެވެ. ކަނބުލޮ އަހަރެންގެ ގާތުގައި ވާކަމުގެ އިހުސާސްވެސް ކުރެވެއެވެ. އަލުން އައު ދިރިއުޅުމެއް ފެށުމަށް އަހަރެންނަށް އިލްތިމާސް ކުރަމުން ގެންދާ ކަހަލަ އިހުސާސެއްވެސް ކުރެވެއެވެ. އާނއެކެވެ. އަހަރެންނަށްވެސް އުފާވެރި ޙަޔާތެއް ވޭތި ކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވެއެވެ. އަދި އެކަމަކަށް އިންކާރެއްވެސް ނުކުރަމެވެ. މިފަދަ ޚިޔާލުތައް އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެގަންނަ ކޮންމެ ފަހަރަކު އަހަރެންގެ ޚިޔާލަށް އަންނަނީ ހަމަ އެންމެ ސޫރައެކެވެ.  އެއީ އިހުސާނާއެވެ. އެހެނަސް އަހަރެންގެ ޢާއިލާ މިކަމަށް ރުހުން ދޭނެބާއޭ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށް ވިސްނާލުމާއިއެކު ލިއުޝާ ކޮއްކޮއާއި މިވާހަކަ ހިއްސާ ކޮށްލުމަށް އަހަރެން ނިންމީމެވެ. އަދި ގެއަށް ގޮސް އެއްވެސް މީހަކު ނެތް ދަނޑިވަޅެއް ބަލާ، ވަރަށް ސިއްރުން ކޮއްކޮއާއި އެވާހަކަ ހިއްސާ ކޮށްލައިފީމެވެ. ލިއުޝާ ކޮއްކޮއަށް ވީގޮތް ފެނިފައި އަހަރެން ކަންބޮޑޫވާ ގޮތްވިއެވެ. ކޮއްކޮ ހުރީ ގަނޑުވެފައި ކަހަލަ ގޮތަކަށް ބަސްވެސް ބުނަން ނޭންގިފައެވެ. އެހެނަސް އުފަލުން ގޮސް ހަޅޭއް ލަވައިގަންނަން ބޭނުންވެފައި ހުރި ކަހަލަ ގޮތަކަށެވެ. ހަމަ ދެންމެ ދެންމެ ހަޅޭއް ލަވައިގެންފާނެހެން ހީވިއެވެ. ކޮއްކޮގެ އަނގަމަތީގައި އަހަރެން ބާރަށް އަތްއަޅާ އޮބާލީމެވެ. ކޮއްކޮ ތެޅިފޮޅިގަތެވެ. އަދި ކޮއްކޮގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހިލިލިތަން އަހަރެންނަށް ފެނުނެވެ. އަހަރެން މަޑުމަޑުން ކޮއްކޮގެ އަނގަމަތިން އަތް ނައްޓުވާލީމެވެ. އަދި މިކަން ކުރިޔަށް ގެންދާނެ ގޮތަކާއި މެދު ކޮއްކޮއާއި ސުވާލު ކޮށްލީމެވެ. އޭނާ އިހުސާނާއާއި ވާހަކަ ދައްކާލާނެ ކަމަށް ބުންޏެވެ. އަހަރެންވެސް ހިތްވަރު ކޮށްލާފައި އިހުސާންއާއި މިވާހަކަ ހިއްސާ ކޮށްލާނެ ކަމަށް ކޮއްކޮ ގާތުގައި ބުނީމެވެ.

އެދުވަހު ހަވީރު ކުޅެ ނިންމާލުމަށްފަހު، ގެއަށް އައުމުގެ މަގުމަތީގައި އަހަރެން ވަރަށް ހިތްވަރު ކޮށްލާފައި އިހުސާން ކައިރީގައި އެވާހަކަ ދައްކާލީމެވެ. އޭނާއަށްވެސް ފުރަތަމަ ލިބުނީ ހައިރާން ކަމެކެވެ.  އިހުސާނާ  އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ހަދަން ބޭނުންވާ އެތައް ސަބަބުތަކެއް އެބަހުރިކަން އިހުސާންއަށް އޮޅުން ފިލުވައި ދިނީމެވެ. އިހުސާނާގެ ކިބައިގާ ހުރި އުނި ކަމަކީ، އަހަރެމެން ދެމީހުންގެ ޒަވާޖީ ޙަޔާތަށް އެއްވެސް ކަހަލަ ހުރަހެއް އެޅޭނެ ސަބަބެއް ކަމަށް ނުދެކޭ ކަމުގައި އަހަރެން ބުނީމެވެ. އިހުސާންގެ ޖަވާބުން އޭނާ އެކަމާއި ރުހޭ ކަމުގެ އިޝާރާތެއް އަހަރެންނަށް ލިބުނެވެ. އަދި ބައްޕައާއި ވާހަކަ ދައްކާނެ ކަމަށްވެސް ބުންޏެވެ. އުންމީދު އައުވެގެން ދިޔަ ކަހަލަ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. އަނެއް ދުވަހު ކަތީބު ބޭބެގެ އެދިލެއްވުމުގެ މަތިން އަހަރެން އެގެއަށް ދިޔައީމެވެ. ކަތީބު ބޭބެވެސް ދެއްކެވީ އެކަމަށް ހިތުން ރުހުމުން ޤަބޫލު ވެލައްވާ ކަމުގެ ޢިޝާރާތެކެވެ. އެހެންނަމަވެސް ވަރަށް ބޮޑު ޝަރުތެއް ކަނޑައެޅިއެވެ. އެއީ ކައިވެނި ކޮށްގެން ރަށުގައި ދިރިއުޅެން ޖެހޭނެ ކަމުގެ ޝަރުތެވެ. ދަރިފުޅު ލޯމަތިން ގެއްލިގެން ދާން އެދި ނުލައްވާ ކަމަށް ބުނުއްވަމުންނެވެ. އަހަރެން އެނބުރި މާލެއަށް ގޮސް މަންމަމެން ގާތުގައި ހުރިހާ ވާހަކައެއް ހިއްސާ ކުރުމަށްފަހު ޖަވާބެއް ދޭނަން ކަމަށް ކަތީބު ބޭބެއަށް ނަންގަތީމެވެ. އަހަރެން ކަތީބު ބޭބެއަށް އެޖަވާބު އެރުވީ އެޝަރުތަކީ އަހަރެންނަށް އެކަމުން މައްސަލައެއް އޮވެގެންނެއް ނޫނެވެ. އެހެނަސް މަންމައާއި ބައްޕަ އަދި ގޭގެ އެންމެން އެކަމާއި މެދު ދޭނެ ޖަވާބެއް އަހަރެންނަށް ނޭނގޭތީއެވެ. މިއިން އެއްވެސް ކަމަކާއި ގުޅޭ ގޮތުން އިހުސާނާއަކާއި އަހަރެނެއް އެއްވެސް ވާހަކައެއް ނުދައްކަމެވެ. ސަބަބަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން އިހުސާނާއާއި ވާހަކަ ދައްކާ ނުހަދާތީއެވެ. އެހެނަސް އަހަރެންނަށް އިހުސާނާ ކަމުދާ ކަމުގެ އެތައް ސިގުނަލެއް އެކި ފަހަރު މަތިން ދީފާއިވާނެއެވެ. އެގޮތުގެ މަތިން އިހުސާނާވެސް ހުރީ މިކަމަށް ރުހި ޤަބޫލުވެގެންނެވެ.

ގިނަ ދުވަސްތަކެއް ނުކޮށް އަހަރެން އެނބުރި މާލެއަށް ދިޔައީމެވެ. މަންމައާއި ބައްޕަ އަދި ގޭގެ އެންމެންނާއި މިވާހަކަ ހިއްސާ ކުރީމެވެ. އެކި ގޮތޮގޮތަށް ޚިޔާލުތައް އުފެދުމާއި ޚިޔާލު ތަފާތުވެ އެތައް ބަހުސްއަކަށް ދިއުމަށް ފަހު އެންމެފަހުން އަހަރެންނަށް ހުރިހާ އެންމެންގެ ރުހުން ލިބުނެވެ. އަދި ޖެހިގެން އައި މަހު ކައިވެނީގެ ހުރިހާ ތައްޔާރީ ތަކަކާއިއެކު އެނބުރި ރަށަށް ދިޔައީމެވެ. ޢާއިލާއާއި ގިނަ ރައްޓެހިން ތަކަކާއިވެސް އެކުގައެވެ. މިހުރިހާ ކަމެއް މިހެން ހިނގަމުން ދިޔައިރުވެސް ކަނބުލޮ އަހަރެންނާއިއެކު ވާކަމުގެ އިހުސާސް އަހަރެންނަށް އަބަދުވެސް ކުރެވެމުން ދިޔައެވެ. އަދި އޭނާގެ ރުހުން އަހަރެންނާއި އެކު ވާކަންވެސް އަހަރެންނަށް އެނގެއެވެ. ކައިވެނި ކުރުމަށްފަހު، އަހަރެން އެނބުރި މާލެއަށް އައިސް އޮފީހުން ކެނޑިގެން ރަށުގެ އޮފީހުގެ ވަޒީފާއަކަށް ބަދަލު ވީމެވެ. އަދި އަހަރެންގެ ދިރިއުޅުން އެއްކޮން ރަށަށް ބަދަލު ކުރީމެވެ.

މިހާރު އަހަރެން ރަށުގައި ދިރިއުޅޭތާ ފަންސަވީހަކަށް އަހަރު ވީއެވެ. އަހަރެންމެން ދެމީހުންނަށް ތިން ކުދިން ލިބި، ކުދިންވެސް މިހާރު ބޮޑެތި ވަނީއެވެ. އަލްޙަމްދުﷲ. ހަމަޖެހޭ ރީތި ދިރިއުޅުމެއް އެބައުޅެވެއެވެ. އަމިއްލަ ގެދޮރުގައެވެ. އެހެނަސް އަދިވެސް އަހަރެންގެ ދިރިއުޅުމުގެ ހިއްސާއެއްގެ ގޮތުގައި ކަނބުލޮ އަހަރެންނާއި އެކު ވާކަމުގެ އިހުސާސް އަބަދުވެސް ކުރެވެއެވެ. އަހަރެން ބަލިވިޔަސް އަހަރެންގެ ގާތުގައި އެނދުގައި އިށީނދެލައިގެން ކަނބުލޮ އިންނަކަން އަހަރެންނަށް އެނގެއެވެ. އަދި މީހަކު ނެތް ވަޤުތެއްނަމަ އަހަރެން ކަނބުލޮއާއި ވާހަކަވެސް ދައްކަމެވެ. ކަނބުލޮ ޖަވާބު ނުދިނަސް އަހަރެންގެ ވާހަކަތައް އަޑުއަހާ ކަންވެސް އަހަރެންނަށް އެނގެއެވެ. އަދި އަހަރެންގެ އުފަލުގައި އުފާވާކަން، ކޮންމެ ހިތާމައެއްގައި ރޯކަން އަދި އަހަރެންނަށް ލިބޭ ކޮންމެ ތަކުލީފެއްގެ ވޭން އަހަރެންނާއި އެކު ކަނބުލޮ އުފުލާކަންވެސް އަހަރެންނަށް އެނގެއެވެ. އަދި އަހަރެން މިދުނިޔެ ދޫކޮށް ދިއުމާއި ހަމައަށްވެސް ކަނބުލޮ އަހަރެނާއި އެކު ވާނެކަން އަހަރެންނަށް އެނގެއެވެ. ކަނބުލޮ އަހަރެންނަށް ވަޢުދު ވެފައިވާ ފަދައިންނެވެ.

  • ނިމުނީ

މި ލިޔުމާ ގުޅޭ