އަޅުގަނޑުމެންނާ ދިމާކުރަން ނުހައްދަވާތި: ރައީސް ނަޝީދު

ޟަމްރަތު އަހްމަދު
އޭޕްރިލް 28, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އަންހެނަކު ދައްކާފައިވާ ވާހަކަތަކަކަށް އަދަދު ނޫހުން ހަދާފައިވާ ”އައިޝާ“ ޑޮކިޔުމެންޓްރީގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ނަމުގައި ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުމުން ރައީސް މުޙައްމަދު ނަޝީދު ”އިންޒާރެއް“ ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެންޕޭން ހަރަކާތުގެ ތެރެއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން  އެމަނިކުފާނު ވިދާޅުވީ ”އަޅުގަނޑުމެންނާ ދިމާކުރަން ނުހައްދަވާތި،“

”ފަޔާ ދެންމެ ވިދާޅުވެއްޖެ އެލްސޯފާ ހޯއްދަން އަދަދު ނޫހުގެ އިދާރާއަށް ވަދެ އެބައުޅެޔޭ. އަޅުގަނޑަކަށް ނޭނގޭ އެމީހުންގެ ފަރުނީޗަރުހުރި ގޮތެއް. އެހެންނަމަވެސް ދަންނަވަންތޯ، ނޫން! އަޅުގަނޑުމެންނާ ދިމާކުރަން ނުހައްދަވާތި. ވަޑައިގެން ތިޔަކަންތައްތައް ކުރައްވަން ނުހައްދަވާތި، ނޫސްވެރިކަމުގެ މިނިވަންކަން މަރާލަން ނުހައްދަވާތި. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ދާނީ ކުރިއަށް. ވަރަށްބާރަށްކުރިއަށް،“ ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އެތައް ބަޔަކަށް ނުހަނު އަނިޔާއާއި، އެކަނިވެރިކަމާއި ދަތިކަން ލިބިގެން ހޯދައިފައިވާ ދިވެހީންގެ ހައްގެއް ކަމަށެވެ. ”ނޫސްވެރިކަމުގެ މިނިވަންކަމަކީ އެތައް ބަޔަކަށް ނުހަނުބޮޑު އަނިޔާލިބި އެކަނވެރިކަމާއި ދައްޗާއި ހިތާމަ ތަހައްމަލް ކޮށްގެން ހޯދި ދިވެހީންގެ ބޮޑު ހައްގެއް،“

ރައީސް ނަޝީދު ވިދާޅުވީ އަދަދު ނޫހުގެ އޮފީހަށް ޕޮލިހުން ވަދެ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަކީ ކުޑަކޮށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ.

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *