ރައީސް ޑރ. މުހައްމަދު މުއިއްޒު/ފޮޓޯ ރައީސް އޮފީސް

ފަލަސްތީނާދެކޮޅު އަނިޔާވެރިކަން އިތުރަށް ބަރުދާސްތު ކުރުމެއްނެތް: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 11, 2024

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ހިންގަމުން ގެންދާ އަނިޔާވެރިކަން ދިގުލައި ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ ކަމަށާއި ”ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤުރީރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ 75 އަހަރު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދގެ ޖަމިއްޔާ (ޔޫ.އެން.އާރް.ޑަބްލިއު.އޭ.)، އިޒްރޭލުން ރޫޅާލިރޫޅާލުންވެސް ކުށްވެރިކުރައްވާ ކަމަށެވެ. އެއީ އިންތިހާއަށް މުހިންމު ޖަމިއްޔާއެއް ކަމަށާ، އެ ޖަމިއްޔާއަށް ބޭނުންވާ އެހީ ދިނުމުގައި ދެމިތިބުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

މިމައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރަކާތްތެރިކަމާއި އަޅާލުންކުޑަކަމާއި، ވަކިން ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޢަމަލުތައް ފާހަގަކުރައްވައި، ވީޓޯގެ ބާރުބޭނުންކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސްއެޅި، ހަނގުރާމައިގެ ޖަރީމާތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅެއް އަޅައި ނިންމަންޖެހޭ ކަމަށެވެ. މުސްލިމް އަދި ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް ވެސް އެމަނިކުފާނު ވަނީ އެފަރާތްތަކަސް އިލްތިމާސް ކުރައްވައިފައެވެ.

”އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ، ތާރީޚުން އަޅުގަނޑުމެންގެ މައްޗަށް ހަރުކަށި ޙުކުމް ކުރާނެ،“ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެއްބައިވަންތަކަމާއި މާނަހުރި ބަދަލަކަށް މި ސަމިޓް ބަދަލުކުރަމްޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭންޖެހޭ ކަމަށާއި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ ޢަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވައިފައެވެ.

އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

މި ލިޔުމާ ގުޅޭ