ޕާކިސްތާނުގައި އިގްތިސާދީ ދަތި ހާލަތެއް ދިމާވެފައި އޮތުމުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވަމުން ހިނގައިދާނެ ކަމުގެ އިންޒާރު މޫޑީސް އިން ދީފި އެވެ. ޕާކިސްތާން ސަރުކާރުގެ އާމްދަނީގެ 40 އިންސައްތައަކީ ބޭރުން ނަގާފައިވާ ލޯނުގެ އިންޓަރސްޓް ދެއްކުމަށް ހޭދަ ކުރާ ފައިސާއެވެ.
ދިހަވަރަކަށް އަހަރު ވަންދެން ހައްދެއް ބެލުމެއް ނެތި ސަބްސިޑީ ދިނުމާއި، އިންތިޚާބުގެ ކުރިން ޚަރަދުތައް ބޮޑުކުރުމާއި ފެޑެރަލް ސަރުކާރާއި ޕްރޮވިންޝަލް ސަރުކާރުތަކުގެ މެދުގައި ވަސީލަތްތައް ބަހާ ނުލެވުމުގެ ސަބަބުން ޕާކިސްތާންގެ ދަރަނީގެ ދަތިކަން އިތުރަށް ގޯސްވެފައިވާ ކަމަށް ރޭޓިން އެޖެންސީ މޫޑީޒްއިން ބުނެއެވެ.
ޕާކިސްތާންގެ ދަރަނި ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން އުފެދި ފައެވެ. އަދި މީހުންގެ މުދަލާއި ޚިދުމަތް ގަތުމުގެ ބާރު ވެސް ވަނީ ކުޑަވެފައެވެ. ނޫނީ ގެއްލިފަ އެވެ. މުސާރަ ލިބޭ ފަރާތްތަކުންނާއި ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުވުމުން މެދުފަންތީގެ މީހުންނާއި ދަށު ފަންތީގެ މީހުންނަށް ނިސްބަތުން ބޮޑު އަސަރެއް ކޮށްފައި ވެއެވެ. އެކަމަކުވެސް ޕާކިސްތާންގައި ޓެކްސް ދައްކާ އަދަދު މަދުވުމާއި ކަރަންޓު ފަދަ ޚިދުމަތްތަކުގެ އަގުތައް މަތިވުމުން ރައްޔިތުންގެ ޖީބުން ކުރަން ޖެހޭ ހޭދަ ބޮޑުވެފައި ވެއެވެ.
އައިއެމްއެފް އިން ވަނީ ޕާކިސްތާނުގެ އިގްތިސާދު ކުރި އަރާނެ މިންވަރު ދަށްކޮށްފައެވެ.
ޕާކިސްތާންގެ ޖީޑީޕީ މިއަހަރުން ފެށިގެން 2018އާ ހަމައަށް އާބާދީ އިތުރުވަމުންދާ ނިސްބަތާ އެއްވަރު ނުވާނެ ކަމުގައި ބުނެފައި ވެއެވެ.
ފާއިތުވި އަހަރުތަކުގައި ކާބޯތަކެތީގެ އަގު ދެގުނައަށް އިތުރުވެ، ހަގީގީ އާމްދަނީ ލިބޭ މިންވަރަށް ރުޖޫއަ ވުން ރަނގަޅުވަމުން އަންނަނީ މަޑުމަޑުން ކަމަށްވެސް ބުނެފައި ވެއެވެ.
ސަރުކާރާއި ވެރިކަން ކުރާ ފަރާތްތަކުގެ ހޭދަ ބޮޑު ކަމަށް ވެސް ބުނެފައި ވެއެވެ. އާމްދަނީ ދަށްވުމާއި އިޖުތިމާއީ ނުތަނަވަސްކަން އިތުރުވުމަކީ ހަމަނުޖެހުންތަކަށް ނުރައްކާ ބޮޑުވާ ކަމެއް ކަމަށް ބުނަމުން މޫޑީޒް އިން އިލްތިމާސްކޮށްފައި ވަނީ، އިގްތިސާދީ އިސްލާހުތައް އަވަސް ކުރާށެވެ.