އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ތަޢުލީމީ ދާއިރާއާއި ޞިއްޙީދާއިރާގެ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫޢު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް އަންނަ އަހަރު ވެގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ މި ސަރަޙައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހިންމަފުށްޓަށް ވެސް ދިމާވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ހައްލު ކުރުމަށް އެރަށުުން ބިން ހިއްކާފައި ވިޔަސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ހިފަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެސް ވެފައި ކަމަށެވެ. އެހެންކަމުން މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އެޅުން ކަމަށް ވެސް ވިދާޅުވިއެވެ. މަަގުތައް ހަދާނީ އެއަށްފަހު ކަަމަށް ވިދާޅުވިއެވެ. ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަން ދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.