ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވައްކަން ކޮށްދީފައިވަނީ ރައީސް މުއިއްޒަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެންސްޕާގެ މައްސަލައިގައި ޓީވީ ސްޓޭޝަން ހުޅުވުމަށް އަގުބޮޑެތި ސާމާނު ހޯދައި، ތަންތަން ކުއްޔަށް ހިފައި އެ މަސައްކަތް ކޮށްފައިވަނީ ރައީސް މުއިއްޒަށް ކަމަށެވެ.
އެންސްޕާގެ މައްސަލައާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެއްވެސް މިނިސްޓަރަކަށް ވިޔަފާރީގެ އުސޫލަކުން ރައީސްގެ ހުއްދަ ނުނަގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެންސްޕާއާ ގުޅުން އޮތް ކަމަށް ބުނާ ޓީވީ ރަޖިސްޓްރީ ކޮށްފައިވަނީ ރައީސް އޮފީހުގެ ތެރެއިން، ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ހީނާ އިސްވެ ހުންނަވައި އެންސްޕާއިން 34.8 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނާ ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްލާފަ އެވެ.
މި މައްސަލައާ ގުޅިގެން އެންސްޕާއިން ބުނީ އެ އޭޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތް ހިންގީ ފިނޭންސް މިނިސްޓްރީއާ ގުޅިގެން ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.






