އީރާނަށް ދަތިކުރުމުގެ ގޮތުން އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ދިހަބިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާއިން އެއްބަސްވެއްޖެ އެވެ.
ރޮއިޓަރސް ބުނާ ގޮތުގައި، ހިފަހައްޓާފައިވާ އީރާނު ފައިސާގެ ތެރެއިން 10 ބިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާއިން އެއްބަސްވެ، އެފައިސާ ދޫކުރުމުގެ ހުއްދަ އެކުވެރި ޢަރަބި ޢިމާރާތަށް ވަނީ ދީފައެވެ.
މިހާރު އެފައިސާގެ ތެރެއިން 03 ބިލިއަން ޑޮލަރު ޓްރާންސްފާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިފައިސާ ދޫކުރަނީ ސަރަޙައްދީ ޤައުމުތަކަށް ދޭ ޙަމަލާތައް ކުޑަ ނުވަތަ މަދު ކުރުމުގެ ބޭނުމުގައެވެ. މި ކަމަށްޓަކައި ޖުމްލަ 20 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ޚަބަރު އެމެރިކާ އަދި ޢަރަބި ޢިމާރާތުގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވެއެވެ. މިއީ ތެދު ޚަބަރެއް ކަމަށްވާނަމަ މިއީ އީރާނުން ހޯދި ކާމިޔާބީއެއް ކަމަށް ބެލެވޭނެއެވެ. އެމެރިކާ އާއި އީރާނުން ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި މި ފައިސާ ދޫކުރުމާ ބެހޭގޮތުން ވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އެކި ބޭންކު ތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަކީވެސް ސުލްހައުގެ ޝަރުތެއްވެސް މެއެވެ.






