ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ދަ ޑިމޮކްރެޓްސް އިން ވަކިވެ އަލުން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޝިއްޕެ އެމްޑީޕީން ވަކިވެ ރައީސް ނަޝީދާއެކު ޑެމްސް އުފެއްދެވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައި ޕާޓީތެރޭގައި ހިލުނު ގުޖަޑުގަނޑެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ވެސް ގެއްލިގެންދިޔައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަން ކުރައްވާގޮތާއި ގައުމު މިސްރާބު ބަހައްޓަވާފައިވާ ގޮތާ ހިތްހަމަނުޖެހިގެން އެވާހަކަ ދެކެވެންފެށިއެވެ.
އެ ހިސާބުން އެމްޑީޕީއާ ޑެމްސް ގުޅިގެން ސިޔާސީ މަސައްކަތް ކުރެވޭނޭ ގޮތެއް ފެނޭތޯ ދެ ޕާޓީން މަޝްވަރާތައް ކޮށްފައިވެއެވެ. ނަތީޖާއެއް ނުފެނި ހުއްޓައި ދެ ޕާޓީން ވަނީ ސަރުކާރު ޒިންމާދާރު ކުރުވަން ގާނޫނު އަސާސީގެ ދިފާއުގެ ނަމުގައި ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއި މަގުމަތީ ހަރަކާތްތައްވެސް ފަށައިފައެވެ. އެހިސާބަށް ދިޔައިރު ސީދާ ޑެމްސްގެ ލީޑަރޝިޕުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ކަނޑައެޅިގެން ފާޑުކިޔަން ފަށައިފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން އެމީހުންނާއެކު މަސައްކަތްކުރަން ތިބި ބަޔަކާއެކު މަސައްކަތް ފަށަން ތައްޔާރަށް ތިބިކަމަށް އިއުލާން ވެސް ކުރިއެވެ.
އެއާއެކު އެމްޑީޕީން ވެސް ވަނީ އެޕާޓީގެ މެންބަރުންނާ މެދު އަޅާފައިވާނަމަ އަޅާފައިވާ ހުރިހާ ފިޔަވަޅެއްވެސް އުވާލައިފި ކަމަށް އިއުލާންކޮށްފައެވެ. ޝިއްޕެމެން ފަދަ ލީޑަރުން އެމްޑީޕީއާ ގުޅެން ފެށީ އެހިސާބުންނެވެ.
ޝިއްޕެއަކީ އެމްޑީޕީގެ ނާއިބު ރައީސަކަށް ހުންނަވައިގެން އެޕާޓީ ލީޑުކޮށް މަގުމަތީ ހަރަކާތްތައްވެސް ހިންގުމުގައި ކާމިޔާބީތަކެއް ހާސިލް ކުރައްވާފައިވާ ލީޑަރެކެވެ. ޝިއްޕެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ މިހާރުގެ ލީޑަރޝިޕަށް ވެސް ލިބިގެންދާނޭ ބަދަހިކަމެކެވެ. ހިތްވަރެކެވެ.
ޝިއްޕެއާއެކު އަލީ އާޒިމާއި، އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މި ބޭފުޅުން އެމްޑީޕީއަށް ސޮއިކޮށްފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެމްސްގެ ރައީސް ހަސަން ލަތީފް ވެސް ވަރަށް އަވަހަށް އެމްޑީޕީއާ އަލުން ގުޅޭނެއެވެ.