ރައީސް ރ. އަތޮޅަށް، ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވާނެ

މުހައްމަދު އަލީ
ޖެނުއަރީ 21, 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު) ގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލު ކުރެއްވުންތަކުގައި އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް މި ދަތުރުފުޅުގައި އެމަނިކުފާނު ފަށްޓަވައިދެއްވާނެއެވެ. އޭގެ އިތުރުން ނިމިފައިވާ ޚިދުމަތްތައް އިފުތިތާހު ވެސް ކޮށްދެއްވާނެ އެވެ. މިގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށްޓަކައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސް އެއަތޮޅުގެ އެގާރަ ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

 

މި ލިޔުމާ ގުޅޭ