ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުން ކަމަށް އެމްޑީޕީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ ހުޅުމާލޭގައި މިރޭ އެ ޕާޓީން ބާއްވަން އުޅުނު ކަންމަތީ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗުޑީސީން ނުދިނުމުންނެވެ.
”ހިތާމައާއެކު ދަންނަވަމެވެ. މި ޖަލްސާ ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ނުދިނުމުން، އެމްޑީޕީއަށް މިރޭ ހުޅުމާލޭގައި ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް މިހާރުވަނީ އަންގާފައި. މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ސާފުކޮށް އެނގޭ“ އެމްޑީޕީން ބުނެފައިވެއެވެ. މިރޭގެ ޖަލްސާ ބާއްވަން އެމްޑީޕީން ނިންމާފައިއޮތީ 20:30 ގައެވެ.
އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން ގެންދަނީ ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެޕާޓީން މިހާރު ތައްޔާރުވަމުން ގެންދަނީ ޖަނަވަރީ 31 ގައި ބާއްވާ ސުލްހަވެރި ހިނގާލުމަށެވެ. އެ ޕާޓީން ގެންދަނީ އެ ހިނގާލުން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.






