އެޗްޑީސީގެ ހިޔާނާތާއި ވަގު ފޯމުގެ ވާހަކަ ދައްކަންޏާ ރޯވެދާނެ: ޔާމީން

އަހުމަދު މުހައްމަދު
ޖެނުއަރީ 25, 2025

އެޗްޑީސީގެ ހިޔާނާތާއި، ވަގަށް ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވައްދާ ވާހަކަ މާގިނައިން ދައްކާނަމަ، އެޗްޑީސީ އާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގައި ”ރޯވެދާނެ“ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ، ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް)ގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން މިހެން ވިދާޅުވީ، ހުސްވި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީގެ އިމާރާތް ރޯވެ އަނދާ ހުލިވި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ.

ނުސީދާ ކޮށް ޔާމީން ސިފަ ކުރެއްވީ އެ ހާދިސާއަކީ، ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވީރު ހިންގެވި ޖަރީމާތަކާބެހޭ ހެކި ނައްތާލެއްވުމަށް، ބަޔަކު ހިންގި ހާދިސާއެއްގެ ގޮތުގައެވެ.

އެހެންކަމުން، ޔާމީން ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން، (މިހާރު އެތަނުން އިސްތިއުފާ ދެއްވާފައިވާ) އިބްރާހިމް ފަޒުލް ރަޝީދު ހިންގި ކަމަށްބުނާ 1.4 ބިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ އާއި، ހޯމް މިނިސްޓަރީގެ ދަށުން ހިންގާ، ޑީއެންއާރު ގެ ޑޭޓާބޭސް ބޭނުންކޮށްގެން ވަގަށް ފޯމު ފުރައި، ޕީއެންސީއަށް މީހުން ވެއްދި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ވާހަކަ މާގިނައިން ދައްކާނަމަ ހެކި ނައްތާލުމަށް އެ ދެތަން ރޯވެދާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ