ކުޅުދުއްފުށީ ކޯޓު/ފޮޓޯ ކުޅުދުއްފުށި ޓައިމްސް

ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި މީހަކު ޖަލަށްލާން ހުރި ހުކުމް ބަދަލެއްނުކުރި

އަހުމަދު މުހައްމަދު
ޖެނުއަރީ 30, 2025

ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި މައްސަލައިގައި، މީހަކަށްކުރި 10 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ނުގެންނަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ އަކީ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލައިގެން އަބްދުއްސަލާމް މޫސާ ކިޔާމިހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.

މި ދައުވާގައި ހދ. ކުޅުދުއްފުށީ މެޖިސްތްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

އެ މައްސަލަ އަބްދުއްސަލާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އޭނާ ހުށަހެޅި އިސްތިއުނާފީނުކުތާތަކުގައި ބުނެފައިވަނީ މި ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް، ފުރިހަމަކޮށްފައިނުވާ ތަހުގީގެއްގެ މައްޗަށް އަވަސް އަރުވާލައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި ވިޖޫދުގައި ނެތްކަންތައްތަކެއް، ހެކި ގަރީނާގެ ގޮތުގައި ހުށަހަޅައިގެން، ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް އެކަންތައްތައްބަލައިގަނެ، ކޮށްފައިވާ ހުކުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުގައި އޭނާ އެދިފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ މި ހުކުމް ބާތިލް ކޮށްދިނުމަށެވެ.

ނަމަވެސް މި މައްސަލައިގައި ފާހަގަވާ ކަންތައްތައްތަކަށް ބެއްލެވުމަށްފަހު، އިއްޔެ ހައިކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.

މި ލިޔުމާ ގުޅޭ