ޕާޓީ ބަދަލުކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައަށް އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވެއްޖެއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ.
އޭނާ މިމައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގަ އެވެ. ހަމަ އެމަހު 27 ގައި ކޯޓޫން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަަމަށް ބެލެވެނީ، އަންނަ ފެބްރުއަރީ މަހުއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ސަބަބު ހާމަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ އެއީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އޮނިގަނޑާވެސް ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. .
ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ. އެ ބިލާ މެދު ބަހުސްކޮށް، ހަމަ އެދުވަހު ބިލު ވަނީ ފާސްކޮށްފައެވެ. ހަމަ އެރޭގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ކުރެއްވިއެވެ.
އެ އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.