ޗައިނާގެ ކޮމިއުނިސްޓު ޕާޓީން އަމިއްލަ ކޯޓުތައް އެމެރިކާގައި ހިންގަނީ

އަބްދުލް މުހުސިން
ފެބްރުއަރީ 2, 2025

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ގެ ޖާސޫސީ އިދާރާއަކާ ގުޅުން ހުރި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ނެޓްވޯކަކުން އެމެރިކާގައި ނުރަސްމީ ކޯޓުތައް ހިންގަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ކެލިފޯނިއާ، ވޮޝިންޓަން ޑީސީއާއި ހަވާއީ އަދި ނިއުޔޯކް ހިމެނޭ ސިޓީތަކުގައި ހިންގާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާތަކުގެ މި ނެޓްވޯކަކީ ޗައިނާގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުންނާއި އެމެރިކާގައި ތިބި ޗައިނާގެ ފަރުދުންގެ މެދުގައި މައުލޫމާތު ހިއްސާކުރުމަށް މަގުފަހިކޮށްދޭ ނެޓްވޯކެއް ކަމަށް ތުހުމަތު ކުރެވެ އެވެ. މި ޖަމިއްޔާތަކުގެ ތެރެއިން ބައެއް ޖަމިއްޔާތަކުން ވަނީ ޚިޔާލުތަފާތުވާ މީހުންނަށް އަމާޒުކޮށްގެން ނުރަސްމީ ސިފައިގައި ޝަރީއަތްތައް ހިންގަމުން ގޮސްފައި ކަމަށްވެސް ޑީސީއެންއެފް އިން ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ޖާސޫސީ މައުލޫމާތު ތަހުލީލު ކުރާ ފަރާތްތަކުން އިންޒާރު ދެނީ މިފަދަ އޮޕަރޭޝަންތަކަކީ ޗައިނާގެ މީހުންގެ ޑްރައިވިން ލައިސަންސް އާކުރުމާއި ޗައިނާގެ މީހުން ބޭރުގައި ކުރާ ކައިވެންޏާއި ވަރި ފަދަ އާންމު ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އެފަދަ ކަންކަމުގެ ނިވަލުގައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ މި ޖަމިއްޔާތަކުން ބޭރުގައި އުޅޭ ޗައިނާއާ ދެކޮޅުވެރި ބައެއް ލީޑަރުން ގަދަކަމުން އަނބުރާ ޗައިނާއަށް ގެންދިއުމަށް މަސައްކަތް ކޮށް އެކަންކަމާ ގުޅޭ ގޮތުން ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީއާ ސީދާ މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ތަހުގީގުން ދައްކަ އެވެ.

މީގެ އިތުރުން މި ކޯޓުތަކާ ގުޅުން ހުރި ބައެއް ފަރުދުން ނިއުޔޯކުގައި ގަވާއިދާ ހިލާފަށް ޗައިނާގެ ޕޮލިސް ސްޓޭޝަނެއް ހިންގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެފަދަ ކަމެއް އެމެރިކާއިން ވަނީ މީގެ ކުރިންވެސް ތަހުގީގުކޮށްފައެވެ.

ޗައިނާއިން ޤައުމުން ބޭރުގައި ހިންގާ މިފަދަ އޮޕަރޭޝަނަކީ ޗައިނާއަށް އެނބުރި ދިއުމަށް ވަކިވަކި ފަރުދުންނަށް ޕްރެޝަރު ކުރުމަށް މަޖުބޫރުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ