ހަމައެއާއެކު، އަޅުގަނޑު ގަސްތުކުރަނީ، ވީހާވެސް ފުރިހަމަގޮތެއްގައި، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް، ހއ. އުތީމުގައި ފާހަގަކުރަން.
އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން މިގައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީގެ ޒިކުރާ ވީއެންމެ މަތީދަރަޖައެއްގައި އާކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ”އުތީމު މަހާރަދުންނާއި، ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ގައުމަށްޓަކައި އެ ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ޒިކުރާ، ވީ އެންމެ މަތީ ދަރަޖައެއްގައި އާކުރަން އަޅުގަނޑު ބޭނުން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެބޭފުޅުންގެ އެ މަތިވެރި ޖިހާދުން ލިބޭ ފިލާވަޅުތައް، އެއްޖީލުން އަނެއްޖީލަށް ވާސިލުވުމަކީ އެމަނިކުފާނު ނިހާޔަތަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ދިވެހި ޤައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި އިއްޒަތް، ހަމަ ކޮންމެ ދިވެހި ދަރިޔަކަށް އިޙްސާސްވެ، ގައުމާ މެދު ފަޚްރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން ވެސް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ”ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމިއޮންނާނީ އޭރުން،“ އެމަނިކުފާނު ވިދާޅުވިއެވެ.
”ހަމަ އެއާއެކު، އަޅުގަނޑު ގަސްތުކުރަނީ، ވީހާވެސް ފުރިހަމަގޮތެއްގައި، ޖެހިޖެހިގެން ދެ އަހަރު، ”މި އަހަރާއި މި އަންނަ އަހަރު) ގައުމީ ފެންވަރުގައި ގައުމީ ދުވަސް، ހއ. އުތީމުގައި ފާހަގަކުރަން،“ އެމަނިކުފާނު ވިދާޅުވިއެެވެ.