ރައްޔިތުންގެ މަޖިލިސް ތެރޭގައި މެންބަރުންނަށް ރިޝްވަތުގެ ހުތުރު ފައިސާ ބަހައިގެން، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، މަޖިލިސް ހަރާބު ކުރަމުންދާ ކަމަަށް، އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފިއެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައިވާ ފަޅުތަކާއި ރަށްތަށް ޓޫރިޒަމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، ޓޫރިޒަމް އިންޑަސްތްރީ ނޭވާ ހޮޅިއަށް އެޅޭ ހާލަތަކަށް ކަންތައް ގެންގޮސްގެންނުވާނެ ކަމަށެވެ.
ޒަމާނުއްޒުރެން ރާއްޖޭގައި އިންވެސްޓް ކޮށްގެންތިބި އިންވެސްޓަރުން ފުނޑާލަން ރައީސުލްޖުމްހޫރިއްޔާއަށް ބާރުދޭ ގާނުނަކަށް މިގާނޫނު ވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރަާއްޖޭގައި އިންވެސްޓު ކުރަންތިބި މީހުންނަށް ބިރުދައްކާ ދެވަނައެމްއެމްޕީއާރުސީގެ ހިޔާނާތެއް ވުޖޫދުވާބިލަކަށް ވެސް މި ބިލް ވެގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ބާރު އޮންނަންޖެހެނީ ދިވެހި ރައްޔތުންގެ އަތުގައި ވަފާތެރިވަނީ ހެއްދެވި ފަރާތަށާއި ދިވެހި ރައްޔިތުންނަށް،“
ރައީސުލްޖުމްހޫރިއްޔާއަށް ހިތުހުރި ބާރެއްދޭން މަޖިލީހުން ފާސްކުރަމުންދާކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ރައީސުލްޖުމްހޫރިްއޔާ ބުނާބުނުް އެކަނި ގަބޫލު ކުރުމަށް، ނުވަތަ ވެރިކަންކުރާ ޕާޓީ، ޕީއެންސީން ބުނާބުން އެކަނި ގަބޫލުކޮށް ދެންހުރި ހުރިހާކަމެއް ނަފީކުރަންޖެހޭކަމަށް މަޖިލިސް މެންބަރުންގެ ހުވާގައި ނޯންނަ ކަމަށެވެ. އަދި އިހުތިޔާރު ކުރަންޖެހޭނީ ރަނގަޅުގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވ.
”މި މަޖިލީހުގައި ރައްޔިތުންނާ ދެކޮޅަށް ނިންމާ ކޮންމެ ގާނޫނެއް ނިންމުމުގެ ޒިންމާ ނަންގަވަންޖެހޭނެ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، އެބެފުޅާ ރިޝަވަތުގެ ހުތުރު ފައިސާ މި މަޖިލިސް ތެރޭގައި މެންބަރުންނަށް ބަހައިގެން މަޖިލިސް ހަރާބު ކުރަނީ،“ އައްބާސް ވިދާޅުވިއެވެ.
އެ ތުހުމަތު ތަކާގުޅިގެން ނިޒާމީ ނުކުތާ ނައްނަގައި، އެކަމަށް ދެކޮޅު ހެދުންނުވަތަ، އެކަން ދޮގު ކުރުމުގެ ބަދަލުގައި، ފަލާހު ވިދާޅުވީ، އަމިއްލަ އެދުމެއް ހާސިލްކުރަން މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.
”އަޅުގަނޑު ދުވަހަކުވެސް އަމިއްލަ އެދުމެއް ހާސިލް ނުވެގެން މި މަޖިލިސް ފްލޯގައި އެއްވެސް މެންބަރަކާ ދިމާއަށް އެއްޗެހި ކިޔާފައެއްނޯންނާނެ،“ ފަލާހު ވިދާޅުވިއެވެ. ނަމަވެސް ރިޝްވަތު ބެހިކަން އޭނާ ދޮގެއް ނުކުރައްވައެވެ.