އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށް ސްޓެލްކޯއިން މިއަދު އަންގައިފިއެވެ. އޭގެ އިތުރުން ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކުންފުނިން މިކަމަށް އިލްތިމާސް ކުރީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށްބުނެއެވެ. އެހެން ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ”އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި،“
މިއީ އެންމެން ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަންވެފައިވާ ދުވަސްވަރެއް ކަމަށް ވަނީ ބުނެފައެވެ. އެއީ ”މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،“ ސްޓެލްކޯއިން ބުނެފައިވެއެވެ.