ދިވެހި ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ ގެއެއްގެ ނުވަނަ ބުރިން ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ކަމަށް ހޯމްލޭންޑު މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިތަހުގީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރިއަށްދަނިކޮށް ސުވާލު އުފެދޭ އެތައް ކަމެއް ތިލަވެ ރައްޔިތުން ކެކިގަތުމުން ކުރީގެ ސީޕީ އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުވެސް ކުރައްވައިފައެވެ. އެހެން ކަމުން ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީނާ ހަވާލުކުރައްވާފައިވާ ކަމަށް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެފައިވެއެވެ. އެއަށްވު ކުރިން އެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ ޑިސީޕީ ފަރުހާދު ފިކުރީއާއެވެ. އޭނާގެ އަތުން އެ މަސްއޫލިއްޔަތު ނަގާފައި ނަވީނާ ހަވާލުކުރީ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގެ އެންމެ އިސް މީހަކަށް ނަވީން ހުރުމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.






