މިހިނގާ 2025 ގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީން ބުނެފިއެވެ. އެކުންފުނީން މިކަން ހާމަކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތަކުގައެވެ. އެހިސާބުތައް އާންމުކޮށްފައިވަނީ ނީ 30 އޭޕްރިލް 2025 ވަނަ ދުވަހުއެވެ.
މިއީ، 2024 ގެ ހަތަރުވަނަ ކުއާޓަރގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުންކަމަށްވެސް ވަނީ ބުނެފައެވެ.
”ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުންވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވެއެވެ. ޚާއްޞަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްޙީ ޚިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވެއެވެ. ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކުވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. މިކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވެއެވެ.“
މިއަހަރު ފުރަތަމަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުން ކަމަށްވަނީ ބުނެފައެވެ. ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
”ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވެއެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްލަމެވެ.“ އެސްޓީއޯއިން ބުނެފައިވެއެވެ.