ޒުވާން އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާނުން ކުދިބަޔަކު މުޒާހަރާ ކުރަން ފެށުމާއެކު ސަރުކާރުންވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެމައްސަލަ ބަލައި އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
”ނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީފަރާތްތައް އަޑީގައި ތިބެގެން، ހިންގާ ޕޮރޮޕަގެންޑާތަކުގެ އަވާގައި ޖެހި،ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންވަނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދު ތަކާއި ޚިލާފު އެތަކެއް ޢަމަލުތަކެއް މި މުޒާހަރާތަކުގެ ތެރެއިން ކޮށްފައި“ ކަމަށްއޭނާ ވަނީވިދާޅުވެފައެވެ.
އޭގެތެރޭގައި މަޖީދީމަގުގެ މެދުގައި، އާންމުރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއަޅައި، ޢާންމު ވިޔަފާރުތަކަށް ގެއްލުންދީ، ޢާންމު ދިރިއުޅުމާއި، ކިޔަވާ ކުދީންގެ ހައްޤުތަކަށްވެސް އެމީހުން ދިޔައީ ކޮންމެ ރެއަކު އަރައިގަންނަމުން ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.
”އެހެން ކަމުން ހައްޤުތައް ހޯދަން ނިކުންނަނަމަ އެހެން މީހުންގެ ހައްޤުތަކެއް ވާނޭކަމަށް ޤަބޫލުކޮށް، ތިމާގެ ހައްޤުތައް ނިމޭ ހިސާބުން އަނެކާގެ ހައްޤުތައް ފެށޭނޭކަން ޤަބޫލުކުރައްވާ،“ ދިވެހިރާއްޖޭގެ ފުލުހުންނާއި ސަލާމަތާބެހޭ ބާރުތަކުން ޤާނޫނީވެރިކަން ދިފާޢުކޮށް، ޤައުމުގެ ދާޚިލީ ހަމަޖެހުން އަބަދުވެސް ޤާއިމު ކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.