ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ކޮންކަމާކާ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
މިދުވަސްވަރަކީ ޒުވާން އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ހޫނުވެ މަގުމަތީގައި ޒުވާނުން މުޒާހަރާ ކުރަމުންދާ ދުވަސްވަރެކެވެ. ޒުވާނުންގެ ޑިމާންޑުތަކަށް ސަރުކާރުން އަޅާނުލާ ކަމަށްބުނެ ޒުވާނުން ރޭ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.
ރޭގެ މުޒާހަރާއަށް ޕެޕަރސްޕްރޭ ޖަހައި ރޫޅާލުމަށްފަހު ފުލުހުންވަނީ ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އެދެމީހުންގެ ބަންދާމެދު ގިތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުންވަނީ ތިންދުވަހަށް އެމީހުން ބަންދުކުރުމަށް އަމުރެއް ނެރެދީފައެވެ. މި ދެޒުވާނުން ދޫކޮށްލުމަށް އެދި އެމްޑީޕީއާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ޗެއަޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، މަޖިލިސް މެންބަރު އަޒާން މަރުޒޫގު ފަދަ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
މާދަމާ ރައީސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހެނދުނު 10 ޖަހާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.