ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނާ ޚިލާފަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާބެހި ޝަރީއަތަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެ އަދަލާތުގެ ޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ.
އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ”ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޢަދާލަތު ޕާޓީން ގޮވާލާ“ ކަމަށެވެ.
އެޕާޓީން މިބަޔާން ނެރުނީ ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި އަދި އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ. އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމުންނެވެ. އެއީ ސިޔާސީ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ދަށުދަރަޖައިގެ ޢަމަލެއް ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ރައީސްގެ މިޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ބެއިނުމަށް މަގުފަހިވާގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެކެވެ. އަދި މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދެއެވެ.“ އެބަޔާނުގައިވެއެވެ.
އަދާލަތު ޕާޓީން ބުނެފައިވާގޮތުގައި މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީ ކަމަށެވެ.