މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކާމާ ދެކޮޅު ނުހަދައި ސިޔާސީ އިދިކޮޅު ފަރާތްތަކުންވެސް މިކަމުގައި ބައިވެރިވުމަށް ގޮވާލައްވައިފައެވެ.
އެހެންނަމަވެސް މިހާތަނަށް ފެނިފައިވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާތަން ކަމަށް ރައީސް ވިދާޅުވެފައެވެ. އަދި ދެކޮޅު ހަދަނީ ކީއްވެތޯ ވެސްވަނީ ސުވާލު ކުރައްވައިފައެވެ.
މޯލްޑިވްސް 2.0 އަކީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ، ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. މީ ރައްޔިތުން އެދޭ އަމާޒު،“ ރައީސް ވިދާޅުވެފައިވެއެވެ.
މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،“ ރައީސް ވިދާޅުވެފައިވެއެވެ.