ސަންގު ޓީވީގެ ނޫސްވެރިޔާ މަދަދާއަށް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ކުށްވެރި ކޮށްފިއެވެ. މަދަދާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކެވި އިރު ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލާއި، ކުރީގެ ސީޕީ ހުސައިން ވަހީދު އިންނެވިއެވެ. އަދި އެބޭފުޅުންވެސް އެކަމުގައި ބައިވެރިވެ ޖޯކު ޖަހާފައިވެއެވެ. މަދަދާގެ ވަރަށް އަމިއްލަ ކަންކަމަށް ވެސް މި ”އިއްޒަތްތެރި ބޭފުޅުން“ ވަނީ ފުރައްސާރަކޮށްފައެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ގެންދަނީ ޕީއެންއެފްގެ އެ ބޭފުޅުންނަށް ފާޑު ކިޔަމުންނެވެ.
މިކަމާ ގުޅިގެން އެމްއެމްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ”ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމިޑިއާގެ މަންސަތަކުގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް މި ކައުންސިލްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ޚާއްޞަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް މި ކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.“
އެބަޔާނުގައި ބުނެފައިވަނީ ޒިންމާދާރު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ދަށަށް ހިނގައިދާނެ ފަދަ ޢަމަލެއް ކަމަށެވެ. ”އެހެން ކަމުން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރައްވާއިރު އެންމެހާ ފަރާތްތަކުން ޒާތީ ތަޢައްސުބުން އެއްކިބާވެ ޒިންމާދާރު ކަމާއިއެކު އެ މިނިވަންކަމުގެ ބޭނުން ކުރެއްވުމަށް އިލްތިމާސްކުރަމެވެ.“
މީގެ އިތުރުން، ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކާއި އެކި ބާވަތްތަކުގެ އަނިޔާ ތަޙައްމަލުކުރަމުންދާ ފަރާތްތައް، ރީ-ވިކްޓިމައިޒް ވާ ގޮތަށް ޚަބަރާއި، ފޮޓޯ، ވީޑިއޯ އަދި މަޢުލޫމާތު ޢާންމުކުރަމުންދާ ކަންވެސް ފާހަގަވެފައިވާ ކަމަށް ބުނެފައިއެވެ. އޭގެ އިތުރުން އެއްވުންތަކުގެ ކަވަރޭޖް ގެނައުމުގައި ޢާންމު އަޚުލާޤީ މިންގަނޑުތަކާ ޚިލާފަށް ކޮންޓެންޓް ގެނައުމާއި ދޮގު މަޢުލޫމާތާއި، އޮޅުވާލުމުގެ ގޮތުން ދެވޭ މަޢުލޫމާތާއި، ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާ ވަސީލަތްތަކުން ޢާންމުކުރަމުން ދާކަން ހިތާމައާއި އެކު ފާހަގަ ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
”އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ވީމާ އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.“
މިފަދަ މައްސަލަތަކަކީ މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ ޙައްސާސް ކަންތައްތަކެއް ކަމުގައިވެސް އެމްއެމްސީން ބުނެފައިވެއެވެ. ”އެފަދަ ކަންކަމާއި ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ.“ ބަޔާނުގައި ބުނެފައިވެއެވެ.






