ސިފައިންގެ ކޮންމެ މަސައްކަތަކުން ހާމަވަނީ ރައްޔިތުންނަށް އޮންނަ ލޯބި: ރައީސް

ނިއުސް ރޫމް
މެއި 15, 2025

މޯލްޑިވްސް ބްލަޑް ސަރވިސަސް، ”އޮރެންޖު ހިޔާ“ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ސިފައިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި  ވަނީ މި މަސައްކަތްކޮށްދެއްވި ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމަށެވެ. ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިއުމުން، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެކުދިންނަށްޓަކައި އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ގާއިމްކުރެއްވުމަށް ބޭނުންފުޅުވާތީ، އެ މަސައްކަތް ސިފައިންނާއި ޙަވާލުކުރެއްވީކަމުގައި ވިދާޅުވިއެވެ. މި މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން މިކަމުގައި ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް ”އޮރެންޖު ހިޔާ“ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *