ޣައްޒާ ކުދިންގެ ބޮލަށް ބޮން، ޓްރަމްޕު އުނގަށް ޑޮލަރު

މުޙައްމަދު ނަސީރު ޢަލީ
މެއި 16, 2025

ވެއަތުވެ މި ދިޔައީ ހިތްދަތި ދެތިން ދުވަހެވެ. ޙައިރާންވެ ފެންކަޅިވި ވަގުތުތަކެކެވެ. މިއީ މި ފެންވަރުގައި ވެދާނެ ކަމެކޭ ހިއެއް ވެސް ނުކުރެވެ އެވެ. އެކަމަކު އެ ހުރިހައިކަމެއް ވެ ނިމިދިޔައީ އަހަރެމެން އެންމެންގެ ލޮލުގެ ކުރިމަތީގަ އެވެ. ދެން………… އިތުރު ޝަކުވާއެއް ނެތެވެ. ހުރިހައިކަމެއް ހަމަ ވަރަށް ރަނގަޅަށް ސާފުވެ ނިމިއްޖެ އެވެ.

މެއިމަހުގެ 14 ވަނަ ދުވަސްވެސް ދިޔައީ، ޢަރަބި ލީޑަރުން، އެމެރިކާގެ ރައީސް ޓްރަމްޕަށް، ކުރުނީސްކޮށް ސަޖިދަކުރަނީއޭ ބުނެވޭވަރަށް ލޮބުވަތައި އިޙްތިރާމް އަދާކޮށް، އޭނާގެ އުނގަށް ޓްރިލިއަނުން ޑޮލަރު އުކަން ތިއްބައެވެ. ޖެހިގެންއައި ދުވަހަށް އިރުއެރީ ޣައްޒާގެ 143 މީހުން އިސްރާއީލުން މަރާލިކަމުގެ ހިތާމަވެރި ޚަބަރާ އެކުގައެވެ. އަހަރެމެންނަށް ކުރެވޭނޭ ހަމަ އެއްކަމެއް ވެސް ނެތެވެ. މި ކަހަލަ ވޭނީ ޢިބާރާތްތަކެއް ލިޔެ އެކަކު އަނެކަކާ ޙިއްޞާކުރުން މެނުވީ އެވެ. އަހަރެމެންގެ ހިތްތަކުގެ އެންމެ އަޑިން ﷲ އަށް ދެންނެވުން މެނުވީ އެވެ.

ކޮންމެއަކަސް، މި ޙާލަތާ ގުޅުވައި، ހިތަށް ހަމަޖެހުމެއް އާދޭތޯ ތަފާތު ގޮތަކަށް ވިސްނަން ދަސްކުރާށޭ އަމިއްލަ ނަފްސަށް ބުނެ ނަސޭހަތްތެރި ވެއްޖައީމެވެ. ކޮންމެ ކަމެއް ވެސް ހިނގަނީ ﷲ ގެ ޙަޟްރަތުގައި ބަޔާންވެގެންވާ ފޮތެއްގައި ލިޔެވިގެންވާތީ ކަމަށް ގަބޫލުކޮށް، އެ ގޮތުގައި ހިތްހަމަޖެހުން ލިބިގެންފީމެވެ.

އަހަރެމެން މި ތިބީ ކައިގެން ބޮއިގެންނެވެ. ނަމަވެސް ބަޑުހައިކަން އިޙްސާސް މި ކުރެވެނީ ޣައްޒާގެ ރައްޔިތުންގެ ޙާލަތު އިޙްސާސް ކުރެވޭތީ އެވެ. އަހަރެމެން މި ތިބީ ސަލާމަތާ ރައްކާތެރިކަމުގަ އެވެ. އެކަމަކު ނުރައްކާތެރިކަން އިޙްސާސްވަނީ އަނިޔާވެރި އިސްރާއީލީންގެ ޢުދުވާނުގެ ދަށުގައި ޣައްޒާގެ މުސްލިމުން ކަރުނައަޅަމުން ދާތީ އެވެ. އަހަރެމެންގެ ހިތްތަކުގައި މި ވަނީ ހަމައެކަނި އިސްލާމީ އުޚުއްވަތްތެރިކަމުގެ ކުލުނާއި ލޯތްބެވެ. މާތް ﷲ އަށްޓަކައި އެ މަތިވެރި އިލާހުގެ ވަޖުހުފުޅަށްޓަކައި އޮތް ގާތްކަމަކާއި އެއްބައިވަންތަ ކަމެކެވެ.

އަރަބި ޖައްބާރު ވެރިން ހީކުރާ ކަހަލައެވެ. ތިމަންމެންގެ ގާތުގައި މިއިނީ އެމެރިކާގެ ރައީސެވެ. ދުނިޔޭގެ އެންމެ ބާރުގަދަ މީހާއެވެ. ހުރިހައިކަމެއް މިކަލޭގެއަށް ކޮންޓްރޯލް ކުރެވޭނެ އެވެ. ނޫނެކެވެ. ހަމަހިލާ އެހެންނަކުން ނުވާނެ އެވެ. ތިޔައީ ހަތަރުއަހަރުގެ ގެރެންޓީވެސް ނެތް މީހެކެވެ. ކޮށްފަ ނުކުރާނެކަމެއް ނޭގޭ، ވަށައިގެން އެނބުރޭ ވަހުތާނެކެވެ. އޭނާގެ މޯހިރުގައި ތަންގަނޑަކަށް ފިރުކިލެވުމަކީ އަމުދުން މާ ބޮޑު ޝަރަފުވެރިކަމެއް ނޫނެވެ.

ތެދެކެވެ. ޔަޙްޔާ ސިންވާރެއް އަދަކު ނެތެވެ. އިސްމާޢީލްހަނިއްޔާއެއް ވެސް ނެތެވެ. އަޙްމަދު ޔާސީނާއި ތަންސީސީ ވެސް ވަނީ ނައްތައިލެވިފަ އެވެ. ޙަސަން ނަޞްރު ﷲ ވެސް ދެނެއް މިދުނިޔެއަކުން ނުފެންނާނެ އެވެ. ކަލޭމެންނަށް އޮތް ތިޔަބުނާ ތުރެޓަކީ އެއީ ކަމަށް ވާނަމަ ދެން ހަމަޖެހިލާށެވެ. އެމެރިކާއާއި އިސްރާއީލު ކަލޭމެންނަށް ސަނާ ކިޔާނެ އެވެ. ތިޔައީ ޓްރަމްޕާއި ނަތަންޔާހޫގެ ބެސްޓްބަޑީންތާ އެވެ.

ކަލޭމެން ތި ތިބީ ޣައްޒާ ފުނޑުފުނޑު ކޮށްގެންނެވެ. ދުބާއީއާއި އަބޫދާބީ އާރާސްތު ކޮށްގެންނެވެ. ދޯޙާއާއި ރިޔާޒްގެ ގަނޑުވަރުތައް ޓްރަމްޕަށް ތިޔަ ދައްކަނީ ކަލޭމެން ކިތައްހާސް އަހަރު ތިޔަ ބޮޑެތި ގަނޑުވަރުތަކުގައި ދިރިއުޅޭނެކަމަށް ހިތައި ހެއްޔެވެ؟ ހޭލާށެވެ! މާކަ ގިނަ ވަގުތެއް ނެތެވެ. ބިން ރާޝިދު ޓްރަމްޕާ އިސްތިގުބާލުކުރަން އެދަނީ އަސާގަނޑެއް ހިފައިގެންނެވެ. އެ ގެންގުޅޭ އަސާގަނޑު އެ ބުނެދޭއެއްޗެއް ކަލޭމެން ނިކަން ވިސްނަބަލާށެވެ. އެ އަސާގަނޑުވެސް ފަހަރުގައި ކަލޭމެނަށްވުރެ ގިނަދުވަހު ދުނިޔޭގައި އޮވެދާނެ އެވެ.

ޣައްޒާގެ ރައްޔިތުން، ބިރުން ހަޅޭލަވަމުން ދުޢާކުރާއިރު، އެ މީހުން ކެތްތެރިވާކަމަށްޓަކައި އެ މީހުންނާއެކު ވޮޑިގެންވަނީ ޚާލިޤުލްކައުނައިނި އެވެ. މާތް ﷲ އެވެ. ކަލޭމެންގާތުގައި މަކަރުވެރި ހިޔަޅެއްހެން އެކަލޭގެ އިންނައިރު އެކަމާ ކަލޭމެން އުފާކުރާވަރަށްވުރެ، ޣައްޒާގެ ރައްޔިތުންނާއެކު ﷲ ވޮޑިގެންވާތީ އެ މީހުން އުފާނުވާންވީ ކީއްވެ ހެއްޔެވެ؟ ތަފާތަކީ ކަލޭމެންގެ ޖާހިލުކަމާއި އެ މީހުންގެ ތަޤްވާވެރިކަމެވެ.

ނިކަން ވިސްނަ ބަލާށެވެ! އިންދިރާގާނދީ އަވަހާރަކޮށްލީ އެކަމަނާ އެހެން މީހުންގެ ކިބައިން ސަލާމަތްކޮށްދޭން ބަޑިހިފައިގެން ތިބި އެންމެ އަރިސް ދެ ބޮޑީގާޑުން ނޫންހެއްޔެވެ؟ އޭރު އެކަމަނާގެ ސަލާމަތީ ފައުޖުގައި އެންމެ ފުރިހަމަ ހަތިޔާރާއެކު އިންޑިޔާގެ ހަހާސް ސިފައިން ތާއަބަދު ތިއްބެވެ. އެކަމަކު އަރުއްވައިގަތީ ﷲ ގެ ރައްކާތެރިކަމެވެ. ވަގުތުން ވަގުތަށް ދުނިޔެ ދޫކޮށްފަ ދިޔައީ އެވެ.

ނޭޕާލްގެ ބިރެންދުރަ ރަސްގެފާނު އަވަހާރަކޮށްލީ އަމިއްލަ ދަރިކަލުން ބަޑިން ދިން ޙަމަލާއެއްގަ އެވެ. މާ ގިނައިން ރާފޮދު ހިއްޕެވުނީ އެވެ. ސަބަބަކީ އެއެވެ. އެ ސަބަބު ލެއްވީ ﷲ އެވެ. ހަމަ ރައްކާތެރިކަން އަރުއްވައިގަތީ އެވެ.

މިޞްރުގެ ރައީސް އަންވަރުއްސާދާތު އަވަހާރަކޮށްލީ ކުރިމަތީގައި އެތުރިގެންތިބި ސިފައިންގެ ތެރެއިން މީހަކު ޖެހި ވަޒަނަކުންނެވެ. އިސްޙާޤްރަބީން މަރާލީ ސިޔާސަތާ އިދިކޮޅު ޔަހޫދީ ޒުވާނެކެވެ. ޔާސިރު ޢަރަފާތަށް ވިހަދީގެން އަވަހާރަކޮށްލުމުގެ ތުހުމަތު އަނބިކަނބަލުންގެ މައްޗަށް ވެސް ކުރެވެ އެވެ. މިއީ ހަމަ އިހަކަށްދުހު ހިނގައިދިޔަ ޙާދިސާތަކެވެ. ކަލޭމެން ހަނދާންނެތަސް އަހަރެމެންގެ ހަނދާނުގައި މި ކަންކަން އެބަ ހުއްޓެވެ.

ތިޔަ ސަޢޫދީ ދީވާނުގައި އާރާއި ބާރުގައި ޝާނާއި ޝައުކަތުގައި ތިބި ކިތައް މީހުން މި ފަސްގަނޑުދަށަށް ލައި މަސްގަނޑު ކުނިވެ ހިނގައްޖެ ހެއްޔެވެ؟ މަލިކު ސުޢޫދާއި، މަލިކު ފައިޞަލާއި، މަލިކު ޚާލިދާއި، މަލިކު ފަހުދާއި، މަލިކު ޢަބްދު ﷲ ވެސް ހިމެނުނު މި ލިސްޓަށް މަލިކު ސަލްމާނާއި މަލިކު މުޙައްމަދު ވަކި ނައަރާނެ ހެއްޔެވެ؟ ނޫނެކެވެ. އަރާނެކަން ގައިމެވެ.

ތިޔަ ފޮނިކަން ދައްކާ މީހުންނަކީވެސް އަމުދުން މާ އުފާވެރި ބައެއް ނޫނެވެ. ނުރައްކާތެރި މާޙައުލެއްގައި، ބިރުވެރިކަމާއި ނާމާންކަމުގައި، ރޭގަނޑު ހަމަނިދި ނުނިދައި، އުޅޭ ބައެކެވެ. މުޙައްމަދު ބިން ރާޝިދުގެ އަންހެނުން ޕްރިންސަސް ހަޔާ ބިންތު ޙުސައިން މީނާއަށް ބޭވަފާތެރިވެ، އޭނާ ގާތުގައި ހުރި އިނގިރޭސި ބޮޑީގާޑާ އެކު އިނގިރޭސިވިލާތަށް ވަނީ ގޮސްފަ އެވެ. ގޭގަ އިން އަނބިމީހާގެ މައްޗަށް ވެސް ކޮންޓްރޯލެއް ނެތީ ނޫންހެއްޔެވެ؟

ޓްރަމްޕް ދިޔައީ ރަނގަޅު އެއްޗެއް ބުނެފައެވެ. އޭނާ ބުންޏެވެ. މި ހިނގާ ކަންކަމާމެދު ތިމަންމެން އަޅައިނުލައި ތިބެންޏާ އެކަމާހެދި ތިމަންނަމެން ކުށްވެރިންކަމުގައި ވާނީ ހަމައެކަނި މީސްތަކުންގެ ކުރިމައްޗަކު ނޫނެވެ. ތާރީޚުގެ ޞަފްޙާތަކުގައި އެކަންޏެއް ވެސް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކަލާނގެ ޙަޟްރަތުގައި ވެސް ތިމަންމެން ވާނީ ކުށްވެރިންނަށެވެ. އޭނާ އެބުނީ އެ މީހުންގެ އަމިއްލަ ވާހަކައެވެ. އެ މީހުން ހިންގާ ޤަތުލުޢާންމުގެ ވާހަކައެވެ. އޭނާ އެހެރީ އޭނާގެ އަމިއްލަ ސަރިއަތް ނިންމައި ހުކުންވެސް ކޮށްގެނެވެ. ފިރުޢައުނު އޭނާގެ އަމިއްލަ ހުކުން ކުރިފަދައިންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *