އުމުރުން އެކާވީސް އަހަރު ނުވާ އެއްވެސް މީހަކަށް ފުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެމީހާގެ އުމުރު ހަމަވެފައިވޭތޯ ބެލުމަކީ ވިޔަފާރިކުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކަން ޔަގީންނުވާ ކަމުގައިވާނަމަ، އައި.ޑީ.ކާޑު ދައްކަން އެދުމުގެ ބާރު އެފަރާތްތަކަށް އޮންނާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އުމުރާމެދު ޔަގީންނުވާނަމަ، އައި.ޑީ.ކާޑެއް، އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް ދައްކަން ދެންނެވުމުގެ ޤާނޫނީ ބާރު، ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންވާނެ. ދެން ހަމައެއާއެކީގައި، މި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްސަކޮށްފައި ހުންނަ މެޝިނަރީއާއި، އާލާތްތައްވެސް މި ޤާނޫނުގެ ތެރެއިން، އެތެރެކުރުން މަނާވެގެންދާނެ. މިހާތަނަށް އެހާ ސާފުކޮށް އޮތް ކަމެއްނޫން މިކަމަކީއެއް. އޭގެ ސަބަބުން، ކަސްޓަމްސްއަށް އަދި ޕޮލިހަށްވެސް، ދަތިތައް ދިމާވޭ. ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަ މެޝިނަރީ އާލާތްތައް ރާއްޖެއަށް އެތެރެނުކުރެވޭނެ. އުފެއްދުން މަނާ. އުފެއްދުން މަނާއިރުގައި، އެ ތަކެތި އުފައްދާ މެޝިނަރީ އާލާތްތައްވެސް ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ،“ ޖެނެރޭޝަނަލް ބޭންއެއް ހިމެނޭގޮތަށް، ގާނޫނަށް ދެވަނަ އިސްލާހު ގެނެވި އެ ބިލު ތަސްތީގު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޭޕް މަނާކުރިއިރު ޔަގީންކޮށް ބަޔާންނުކުރެވި ހުރި ބައެއް ކަންތައްވެސް މިއިސްލާހުގައި ބަޔާންކޮށްފައިވާނޭކަމަށެވެ. އޭގެތެރޭގައި، ވޭޕް ބޭނުންކުރުން މަނާކުރުން އޮތްއިރުގައި، ވޭޕާއި، ވޭޕާގުޅޭ އާލަތްތައް ބޭނުންކުރުން، އަތުގައި އޮތުން، އެހާ ސާފުކޮށް ކުރިއަކުން މަނައެއްނޫނެވެ. އެހެންނަމަވެސް، މި އަދު ތަސްދީގުކުރެއްވި އިސްލާހުގެ ތެރެއިން އެ ގެންގުޅުމާއި ބޭނުންކުރުން ވެސް މިހާރުވަނީ މަނާ ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމާ، ފުލުހުންނަށް އެންފޯސް ކުރުމުގައި، މިހާރު ވަރަށް ބޮޑަށް ސާފުވެގެން އެބަދޭ. އަދި އެތެރެކޮށްފިއްޔާ އަތުލުން. މި ޤާނޫނު، ޤާނޫނަކަށް ވެގެންދާއިރުގައި، ވޭޕާއި، ދުންފަތުގެ އިސްތިޢުމާލުކުރާ އެކިއެކި ތަކެތި އެތެރެކުރުން. އެތެރެކޮށްފިނަމަ އަތުލުން. އުފައްދަން ބޭނުންވާ ތަކެތި އެތެރެކޮށްފިއްޔާ އަތުލުން. ހަމަ ވަރަށް ސާފުކޮށް މިހާރު ޤާނޫނުގައި މި ކަނޑައެޅިގެން ދިޔައީ. ކަސްޓަމްސްއާއި ފުލުހުންނަށް ފަސޭހަވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.