މިއަދު ތަސްދީގު ކުރި ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މި ބިލުގެ މަގުސަދަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ގޭންގާއި ގޭންގްކުށްތަކުގެ މައްސަލަތައް ހައްލުކުރެވިފައިނުވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތި، އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުގައި އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅުތަކެއް އެޅި، ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ މައްސަލަތަކަށް ވަށާޖެހޭ ދާއިމީ އްލުތައް ހޯދުމަށް، އެމަނިކުފާނަށް ބޭނުންފުޅުވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ވެސް ވިދާޅުވިއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުގައި، ގޭންގާއި ގޭންގުކުށް، ކޯޓު މެދުވެރިކޮށް ކަނޑައަޅައި، ފައިސާ ޚަރަދުކުރާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކުގެ މުދާ ދައުލަތަށް ނަގައި، ކުޑަކުދިން ގޭންގްތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މާއްދާތަކެއް ހިމަނާފައިވެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމަ މިއާއެކު މި ޤާނޫނަށް ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.






