ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރިންނަށް އިޙްސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުންކަމަށެވެ. ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސަޢުދީ ސަރުކާރުން އިސްތިޤުބާލު ކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ޙައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެމި ތިބޭނޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޙައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މޭ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ކަމަށް އިސްމިކް މިނިސްޓްރީން ވިދާޅުވިއެވެ.






