ހަތަރު ސަތޭކަ ބާވީސް އުޅަނދެއް ޓޯވކޮށްފި

މުހައްމަދު އަލީ
ޖުލައި 2, 2025

ޖޫން ބާރައިން ތިރީހަށް ފުލުހުން ވަނީ މާލޭގެ މަގުތަކުން 422 އުޅަނދު ޓޯވ ކޮށްފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ކުރިކަމެކެވެ.

މި މަސައްކަތުގެ ދަށުން މަޖީދީ މަގުން އެކަނިވެސް 219 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ 216 ސައިކަލަކާއި، 2 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގުން 203 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

އޭގެ ތޭރޭގައި ހިމެނެނީ 164 ސައިކަލަކާއި، 38ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ކާރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުޅަނދުތައް ޕާކުކުރުމުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރަމުން އަންނަ އިރުވެސް މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ 568 އުޅަނދުތަކެއް ފުލުހުން ވަނީ ނައްތާލާފައެވެ.

ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނެއެވެ.

ނިމުނު 2024ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ. ފުލުހުން ވިދާޅުވީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ