ދިވެހިރާއްޖޭގައި ބިމުގެފުޅާކަން ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމުގެ ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ 180 އަށްވުރެ ގިނަ ރަށުގައި ރާއްޖޭގައި މީހުން އުޅޭކަމަށެވެ. އެހެން ކަމުން މިފަދަ ރާއްޖެއަކަށް ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމަކީ މުހިންމު ނިޒާމެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އެންމެ ކުދި ރަށްތަކަށްވެސް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަކަށް ފެރީ ނެޓްވޯކްތަކާއި، ރަނގަޅަށް ހެދިފައިވާ ބަނދަރުތަކާއި، ޑިޖިޓަލް ޝެޑިއުލިންގ ސިސްޓަމްތަކެއް ތަރައްޤީކޮށް، ރަށްރަށު ދެމެދުގައި ގުޅުން ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމުގައި ވިދާޅުވިއެވެ.
ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި 2025 ޖޫން 27 އިން 29 އަށް ކުރިއަށްދާ ”ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025“ ގައި، ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ބްލޫ އިކޮނޮމީގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ދެމެހެއްޓެނިވި މަސްވެރިކަން ފުޅާކުރުމާއި، މާލެ ސަރަޙައްދުން ބޭރުގައިވެސް މެރިން ޓޫރިޒަމް ކުރިއެރުވުމާއި، ރަށްރަށު ދެމެދުގެ ލޮޖިސްޓިކްސް އަދި ކަނޑުގެ ހަކަތަ ފަދަ ޚިދުމަތްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކަނޑުމަގުގެ ގުޅުން ރަނގަޅުކޮށްގެން، ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށް މި ދާއިރާތަކުގެ ފުރިހަމަ ފައިދާ ނެގިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކަނޑުގެ ސަލާމަތީ މިންގަނޑުތައް ހަމަޖެއްސުމާއި، ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމާއި، ބަނދަރުތަކާއި ފެރީތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުމަށްޓަކައި ސާކް، އައި.އޯ.އާރް.އޭ، ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. މިނިސްޓަރ ވަނީ ރަށްރަށާއި އައްސޭރިފަށުގެ ޤައުމުތަކުގެ މެދުގައި ދެފުށް ފެންނަ ގޮތެއްގައި ގުޅުން ބަދަހިކޮށް، އެހީތެރިވެދޭނެ އެހެނިހެން ޕާޓްނަރޝިޕްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.
މިނިސްޓަރ އަމީން ވަނީ މާލީ އެހީތެރިކަން، ޚާއްޞަކޮށް ހިލޭ އެހީގެ ފައިސާ އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ސަލަމާތްތެރިވާނެ ކަންކަމަށް އިންވެސްޓްކުރުން މިހާރުވެސް ބޭނުންތެރިކަމަށް ފާހަގަކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީއާއި، ހުނަރުތައް ދަސްކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުންވެސް އެހާމެ މުހިންމުކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ މުހިންމުކަމަކީ، ދުނިޔޭގެ މުޖުތަމަޢުން ރަށްރަށުގެ ޤައުމުތަކަށް ކަނޑުމަގުގެ ގުޅުމަކީ ހަމައެކަނި ދަތުރުފަތުރުގެ މައްސަލައެއްގެ ގޮތުގައި ނުދެކެ، ތަރައްޤީއާއި މޫސުމީ މައްސަލައެއްގެ ގޮތުގައި ދެކެންޖެހޭ ކަމުގައި މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






