ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ އަރިހަށް ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުންދެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މިއަދު ބޭއްވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ދިފާޢީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.






