ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން އިތުރުވެފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިދާނޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބިދާނޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނޭ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިހާރު ގެންދަނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ތަހުގީގު ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ (ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެކެވެ.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދޭ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ ދަންނަވާފައެވެ. އަދި ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ. މިގޮތުން ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.






