”ލޫޓުވައިފި ލޫޓުވައިފި“ ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާއަކީ ގާނޫނާ ޚިލާފަށް ހިންގި ކަންތައްތަކެއް ކަމަށް ވެރިކަން ހިންގާ ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރުމުގެ ނަމުގައި އެމްޑީޕީން ހިންގާފައިވަނީ ގާނޫނާ ހިލާފު، ހަމަނުޖެހުން އުފެއްދުމުގެ އަމަލުތަކެއް ކަމަށެވެ.
ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން މާލޭގައި މުޒާހަރާ ބާއްވާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވުނު ގޮތާ ޚިލާފަށެވެ.
މުޒާހަރާގެ ތެރޭގައި ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ، މާލޭގެ މަގުމަތީގައި ހާލުގައި ޖެހުމަށް ދޫކޮށްލާފައިވާކަން ފާހަގަކޮށް، މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާމެދު އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއްކަމަށް ޕީއެންސީން ބުނެފައިވެއެވެ.
އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ހިޔާލުފާޅުކުރުމަށް ސަރުކާރުން އަބަދުވެސް ފުރުސަތު ފަހިކޮށްދޭނެ ކަަމަށާއި، ނަމަވެސް ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނުދޭނޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޕީއެންސީން ބުނީ ހަގީސީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫންކަމަށާއި، ބަހުސްކޮށް، ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމާއެކު ވޯޓުން ސިޔާސީ ބަދަލު ގެނައުކަމަށެވެ. އަދިމުޒާހަރާގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމްއަށް ޝުކުރު އަދާކޮށް، ތަންފީޒީ އިދާރާތަކަށް ދެވޭ ހަމަލާއަކީ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ޕީއެންސީން ވަނީ އެކަން ކުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ގޮވާލައިފައެވެ.






