”ލޫޓުވައިފި ލޫޓުވައިފި“ ގެ ނައުމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ، އެ މުޒާރާ ކުރުމަށް ވެފައިވާ އެ އެއްބަސްވުމާ ހިލާފުވެފައިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިހެން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޝާހިދު ވިދާޅުވެފައިވަނީ، ޑރ.މުއިއްޒުގެ ސަރުކާރުން އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެލްއާރްއޭޑީ ބޭނުންކޮށްފައިވާ ކަމަަށާއި، އެއީ އޭނާ ދެކޮޅު ރައްދަވާކަމެއް ކަަމަށެވެ.
”އެލްއާރްއޭޑީ އިން 170 ޑެސިބަލް އަށް ވުރެ ގިނަ އަޑުތައް އުފައްދާ އިރު، އޭގެ ސަބަބުން ދާއިމީ ގޮތެއްގައި އަޑުއިވުމުގެ ސަބަބުން ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން، މީގެ ކުރިން ޓްރޯމާ ތަޖުރިބާ ކޮށްފައިވާ މީހުންނަށް އެންޒައިޓީ، ބިރުވެރިކަމާއި، ޓްރޯމާ ފަދަ ކަންކަން ކުރިމަތި ކުރުވައެވެ.،“
ޝާހިދު ވިދާޅުވީ، މި ޑިވައިސްތައް ބޭނުން ކުރުމަކީ ރައްޔިތުންގެ އިހްތިޔާރު ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ވެކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދުގެ މި ޓްވީޓް ޕޯސްޓް ކުރައްވައި ހަލީލު ވިދާޅުވެފައިވަނީ، މުޒާހަރާއާބެހޭގޮތުން އެމްޑީޕީއާ މަޝްވަރާކުރުމަށްފަހު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ގެ ދަށުން މުޒާހަރާކުރަން ކަނޑައެޅީ ބޮޑުތަކުރުފާނު މަގުކަމަށެވެ.
ނަމަވެސް ޕާޓީގެ ލީޑަރުންގެ އިރުޝާދުގެ ދަށުން މުޒާހަރާގެ ބައިވެރިން، އެ އެއްބަސްވުމާ ހިލާފުވެ، މަޖީދީ މަގަށްވަދެ، ބެރިކޭޑްތަކުގައި ތަޅައި ފުލުހުންގެ އައްޑަނަ އަތުލާފައިވާކަމަށްވެސް ވިދާޅުވިއެވެ.
”އޭގެ ސަބަބުން ފުލުހުންނަށް ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅި، ނަމަވެސް ފުލުހުން އަމަލު ކުރަމުން ދިޔައީ އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުންނާއި މަޑުމައިތިރިކަމާ އެކުގަ އެވެ.،“
ހަލީލު ވަނީ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.






