އަޅުގަނޑުމެން ކުޑަގޮޅިޔަށް ލިޔަސް ރައްޔިތުން ތިބޭނެ މިވެރިކަން ބަލިކުރަން: ފައްޔާޒު

ޟަމްރަތު އަހްމަދު
އޮކްޓޯބަރ 13, 2025

އެމްޑީޕީގެ ލީޑަރޝިޕް ޖަލަށް (ކުޑަގޮޅިއަށް) ލިޔަސް މިވެރިކަން ބަލިކުރަން ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުން ތިބޭނޭ ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި މިއަދު ހެނދުނު އޭސީސީއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭސީސީން އޭނާގެ މައްޗަށް ހިންގާ ތަހުގީގަކީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ހުރި ކަމެއްގެ މައްޗަށް ބިނާކޮށް ހިންގާކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވެސް އޭސީސީއަށް ހަމަވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

”އެއްވެސް ތާކުންތާކު ނުޖެހޭ އަސާސެއް ނަގައިގެން ކުރާކަމެއްމިއީ. އެބޭފުޅުން (އޭސީސީ) އަތަކުނެތް ތަހުގީގަށް ބޭނުންވާ ޑޮކިޔުމެންޓް ހަމަވެފައެއް. އެނގޭ މިއީ ވަކި މީހަކު އަންގައިގެން އެބޭފުޅުންނަށް މަޖުބޫރުވެގެންކުރާ ތަހުގީގެއްކަންވެސް. އެބޭފުޅުންގެ ވާހަކަހުރި ގޮތުންނާއި އަމަލުތައް ހުރިގޮތުން ވެސް އެނގޭ ލަދުންކަން ތިބީވެސް،“ ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންނާއި ދިވެހިރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ މިއީ އެއްވެސް ބުރަދަނެއްނެތް ހުސް ވާކަތައް ނަގައިގެން ސިޔާސީ ގޮތުން ”އަޅުގަނޑުމެން ބިރުގަނެފާނެ ކަމަށް،“ ކުރާ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެބޭފުޅުން (ސަރުކާރު) މިހާރުވެސް ތިބީ ބިރުން ކަމަށެވެ. ބިރުގަންނަކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ ވެރިކަމުގައި އެބޭފުޅުންތިބީ ބޮނދާ ފިލާ. އަޅުގަނދުމެންގެ ޕާޓީން ޖެހުނީ އިދިކޮޅު ހަރަކާތްވެސް އޭރު ހިންގަން. އެހެންވާނޭ ކަމަށް އެބޭފުޅުން ހީކުރަނީ އަޅުގަނޑުމެންނާ ދޭތެރޭވެސް،“ ފައްޔާޒު ވިދާޅުވިއެވެ.

”ބަލަ އަޅުގަނޑުމެން ކުޑަގޮޅިއަށް ލާފައި ތިއްބަސް ތިޔަ ބޭފުޅުން (އެމްޑީޕީ) ތިއްބަވާނޭ މިވެރިކަން ބަލިކުރަން. ސާތަރަ ނޮވެމްބަރަށް ހުރިހާ ބޭފުޅުން މާލެ ވަޑައިގެންނަވޭ،“ އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ