ށ. ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މރަސްމިއްޔާތު އޮތީ އެރަށުގައެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން، 39,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 103 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 27 މީޓަރުގެ މޫދު ތެރެއަށް ވާގޮތަށް ބޭރުތޮއްޓެއް ލުމާއި، 2235 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 68.39 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.






