ޓްރަމްޕަށް ސުވަރުގެއަށް ނުވަދެވޭނެކަން އަމިއްލައަށް ޔަގީން ވެއްޖެ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 14, 2025

ނޯބެލްގެ ސުލްހައިގެ އިނާމު ނުލިބިގެން ޝަކުވާ ކުރައްވާ އެމެރިކާގެ ރައިސް ވިދާޅުވަނީ އޭނާ ސުލްހައަށް ތަކައި ކުރައްވާ މަސައްކަތުން އޭނާއަށް ސަވާބު ލިބޭނީ އާޚިރަތް ދުވަހުން ކަމަށެވެ. ނަމަވެސް ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ އޭނާއަށް ސުވަރުގެއަށް ވަދެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ.

ޓްރަމްޕަށް ސުވަރުގެއަށް ނު ވަދެވޭނެ ކަމަށް އޭނާއަށް ޔަގީންވާ ކަން އޭނާ ހާމަ ކުރެއްވީ ޖެނޮސައިޑް ހިންގާ ޒަޔަނިސްޓުން ހިފާފައިވާ ފަލަސްޠީނަށް ވަޑައިގަތް މަގު މަތީގައި އެއާފޯސްވަން ގައެވެ.

ޖެނޮސައިޑް ހިންގާ ދައުލަތަށް ވަޑައިގަތް މަގު މަތީގައި އެއާފޯސް ވަން ބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނިކޮށް، ފޮކްސް ނިއުސްގެ ޕީޓާ ޑޫސީ ޓްރަމްޕާ ސުވާލު ކުރެއްވީ ސުލްޙައަށް ޓްރަމްޕް ކުރައްވާ މަސައްކަތުން ސުވަރުގެއަށް ވަދެވޭނެތޯއާއި ޣައްޒާއާ ބެހޭ އިސްރާއީލާއި ހަމާސް ގެ ސުލްހައިގެ ޕްލޭނަށް އޭނާ ކުރެއްވި މަސައްކަތުން މިކަމުގައި ކުރިއެރުމެއް ލިބިފައިވޭތޯއެވެ.

”އަހަރެން މިއުޅެނީ ތަންކޮޅެއް ޗާލާކު ވެގެން“ އެ ސުވާލަށް ޖަވާބު ދެއްވަމުން ހިނިފުޅުވަޑުވަމުން ޓްރަމްޕް ރައީސް ވިދާޅުވިއެވެ. ”އަޅުގަނޑު ހިއެއް ނުކުރަން އަޅުގަނޑަށް ސުވަރުގެއަށް ވަދެވޭނެ އެއްވެސް ފުރުސަތެއް އޮތް ހެނެއް. އަޅުގަނޑު އަސްލުވެސް އުންމީދެއް ނުކުރަން. އަޅުގަނޑަށް ހީވަނީ އަޅުގަނޑަކީ ސުވަރުގެއަށް ދާން ޖެހޭ މީހެއް ނޫން ހެން.“ ތްރަމްޕް ވިދާޅުވިއެވެ.

”އެއާފޯސް ވަން ގައި އުދުހޭ އިރު އަޅުގަނޑު މިއުޅެނީ އާސްމާނުގައި. އަޅުގަނޑަށް ސުވަރުގެއަކީ މިއީ ކަމަށް ވެދާނެ. އަޅުގަނޑަށް ސުވަރުގެ ލިބޭނެ ކަމަކަށް ޔަގީނެއް ނޫން، އެކަމަކު ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަޅުގަނޑު ރަނގަޅު ކޮށްދީފިން“ ތްރަމްޕް ވިދާޅުވިއެވެ.

މި ވާހަކައިގައި ކުރިއަށް ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ ”2020 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާނުލި ނަމަ“ ޖޯ ބައިޑަންގެ ބަދަލުގައި ވައިޓް ހައުސްގައި ހުންނާނީ އޭނާ ކަމަށާއި އެހެންނަމަ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ޔޫކްރޭނަށް އެރިޔަ ނުދިނީސް ކަމަށެވެ.

މި ލިޔުމާ ގުޅޭ