ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކަށް މަރކެޓް ހޯދައިދިނުމާއި މަރކެޓަށް ތަކެތި ފޯރުކޮށް ދިނުމަކީ ގޮންޖެހުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅު ވެއްޖެއެވެ.
ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިތާބުގައި އެކަމަނާ ވިދާޅުވެފައިވަނީ މި ގޮންޖެހުން ތަކުން އަރައިގަތުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އެގްރޯ ނެޝިނަލް ކޯޕަރޭޝަނާއެކު، މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ”ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނެ އިންތިޒާމް ޤާއިމްވެގެންދާނެ.“ އެކަމަނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދިވެހި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ލަނޑުދަނޑިއަކީ ދިވެހި ދަނޑުވެރިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
”މި ދުވަހުގެ ބޭނުމަކީ، އަޅުގަނޑުމެން ހުރިހާ އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އަޒުމްކަނޑައަޅައި، ގުޅިގެން މަސައްކަތް ކުރުން ކަމުގައި ދެކެން. ދަނޑުވެރިޔާއިން ފެށިގެން، ރިސޯޓުތަކާއި ވިޔަފާރިވެރިން އަދި ދިވެހި ކޮންމެ ރައްޔިތަކީވެސް ދިވެހި ދަނޑުވެރިކަމަށް އެހީތެރިވެވޭނެ ފަރާތެއް ކަމުގައި ދެކެން،“
ވަޒީރު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކާނާގެ ޔަގީންކަމަށް ދެވޭ އެއްބާރުލުމެއްގެ ގޮތުން ބިމެއް ކަނޑައަޅައި ގައުމީ މި މަސައްކަތަށް އެ ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންގެ ކާނާގެ ރައްކާތެރިކަމަށް މިފަދަ މަސައްކަތެއްކޮށްގެން މެނުވީ މުޅި ގައުމުގެ ކާނާގެ ރައްކާތެރިކަން ހާސިލް ކުރުމީ ގޮންޖެހުންތައް ހުންނާނެ ކަމެއް ކަމަށް ވެސް ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.






