އެކަނިވެރި މައިންނަށް ދޭ އެލަވަންސް ދެހާސް ސައްބީސް ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިތުރު ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީ ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަމަށެވެ.
މީގެ އިތުރުން ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ވެސް ތަޢާރަފުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، އެ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ކަމެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.






