ރޭ ފަތިހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ އިތުރުން ފައިސާ ހިފައިގެން ފިލަން އެ މީހުން ބޭނުން ކުރި ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން މިއަދު ވިދާޅުވީ، ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅު ފައިސާ ހުރި ސޫޓު ކޭހެއް، ފޭރިގެންފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ. މިއަމަލު ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:45 އެހައިކަންހާއިރު، ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އައު ޓަރމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދިޔަ ޑޮލަރެވެ. ފޭރިގަތް ޑޮލަރުގެ އަދަދު 100،000 އަށްވުރެ ގިނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ބީއެމްއެލުންވެސް އަދި ފުލުހުންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދައްކައިގެންނެވެ. އެކަން އެ މީހުން ކުރީ އެއަރޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރު ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.
މައުލުމާތު ލިބުނުގޮތުގައި ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށް ފަހު ވަގުން ވަނީ ލޯންޗަކަށް އަރައިގެން ފިލަން މަސައްކަތް ކޮށްފައެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއަރޕޯޓުގައި ހިނގި ފޭރުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ކުށް ކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް މިނިސްޓަރު ވަނީތައުރީފު ކުރައްވައިފައެވެ.






