ގާނޫނަށް ބަދަލު ގެނެސްގެން ވެސް މާލޭ ސަރައްދުގައި ދުއްވޭނެ ވެހިކަލްގެ އަދަދު (ކެރީން ކެޕޭސިޓީ) ކަނޑައަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެއްވެސް ހައްދެއް ހުދޫދެއްނެތި، އިންޖީނުލީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެ ކުރަމުން ދާއިރު، އަދި މާލޭސަރަހައްދަށް އެއްގަމު އުޅަނދު ގިނަވެ ދިއުޅުމަށް ދަތިވެފައިވާތީ، އެކަން ހައްލު ކުރުމަށް ކެރީން ކެޕޭސީޓީ ކަނޑައެޅުމާބެހޭ ގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ކެރީން ކެޕޭސިޓީ އިއުލާން ކުރެވޭތޯ މާލޭ ސިޓީކައުންސިލާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކާމިޔާބު ވެފައިނުވާ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މިނިސްޓަރުކަމާ ހަވާކުވީފަހުން ވެސް ކެރިން ކެޕޭސިޓީ އިއުލާންކުރެވޭތޯ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ސިޓީކައުސިލާއެކީ ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކާމިޔާބުވެފައި ނެތީމަ ގާނޫނަށް ބަދަލުގެނަސްގެން ނަމަވެސް މިނިސްޓްރީން މިކަންތައް ކުރާނަން،“ މިނިސްޓަރ ވިދާޅުވިއެވެ.






