ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ވެސް ހަނދާނީ އައްޑަނައެއް އަރުވައިފައެވެ.
މި އައްޑަނަ އަރުވާފައިވަނީ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ.
ރައީސް މައުމޫނަށް މިއައްޑަނަ އެރުވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅު ފާހަގަ ކުރައްވައި ޤައުމީ ފެންވަރެއްގައި ދައުލަތުން އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންނަށް މި އައްޑަނަ އެރުވީ އެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ފެށިގެންއައިވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް ޢަބްދުﷲ އަށް ޚާއްޞަކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.
1988 ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލައިގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކާއި އަދި އެ ދުވަހު ދެއްކި އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް، މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ސަރުކާރުން ވަނީ އިނާޔަތް ދޭން ފަށާފައެވެ.






