ގައުމަށްޓަކައި ގުރުބާންވީ ކޮންބައެއް ކަމާއި އެ ގުރުބާނީ ޒުވާނުންނަށް ބުނެދޭންޖެހޭ: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 3, 2025

ދިވެހިގައުމު މިއަދާ ހަމައަށް ގެނެސް ގެނެސްދިނުމުގައި ޤުރްބާންވީ ކޮންބައެއްކަމާއި، އެބޭފުޅުން ވެވަޑައިގެންނެވި ޤުރްބާންތަކަކީ ކޮބައިކަން ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންނަށް ބުނެދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސިޔާސަތެއް ކަނޑައަޅައި މަސައްކަތް ފެށީ މި ބޭނުންފުޅުގައި ކަމަށެވެ. ”އިރާދަކުރެއްވީތީ އެކަމުގެ ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން ފެށި ގިނަ މަސައްކަތްތައް، އޭގެ ފުރިހަމަ ކާމިޔާބީއާ ހަމަޔަށް މިދަނީ ހަމަ ޔަގީނުންވެސް ލޮބުވެތި ދިވެހި ރައްޔިތުން އެކަން ބަލައިގަނެ، އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން. ކުރައްވާ އިތުބާރުގެ ސަބަބުން،“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުންގެ ތެރެއިން ގައުމީ ޚިދުމަތުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ޒުވާނުންނަށް އެ ފުރުޞަތު ހުޅުވައިލެވުމުން، އެ ޒުވާނުންނާއި، އެ ކުދިންގެ އާއިލާތަކުން ވަނީ އެކަން ގަބޫލު ކޮށްފައި ކަމަށެވެ. އޭގެ ނަތީޖާއަކީ އެކަމަށް ފުރަތަމަ ހުޅުވައިލެވުނު ފުރުޞަތުގައިވެސް، ޖާގައޮތް މިންވަރަށްވުރެ ހަތަރުގުނައަށްވުރެ އިތުރަށް ބައިވެރިވާން ޒުވާނުން ކުރިމަތިލި ކަމަށް ރައީސް ވިދާޅުވިއެވެ. ”އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނާ އެކީގައި މި ބައިވެރިވާ ޒުވާނުންނަކީ، މީގެ ފުރަތަމަ ބެޗް. އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރު، މީގެ ތިންގުނަ، ނޫނީ ހަތަރުގުނައަށް، އަޅުގަނޑުމެން ކުރިންވެސް ކަނޑައަޅާފައި އޮތްގޮތަށް ގާތްގަނޑަކަށް އިތުރު 1000 ކުދިން ތަމްރީނު ކުރަން ފެށޭނެ. ހަމަ އެގޮތަށް، ދެންއޮތް ކޮންމެ އަހަރަކު، މަދުވެގެން 1000 ކުދިން ތަމްރީނު ކުރަމުން އަޅުގަނޑުމެން ގެންދާނަން. މިކަމަށްޓަކައި އެމް.އެން.ޑީ.އެފް.ގެ ފަރާތުން އެ ދެއްވާ އެއްބާރުލެއްވުމާއި، މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން، ފުލުހުންގެ ފަރާތުންވެސް އަދި އެހެން މުއައްސަސާތަކުންވެސް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން،“ ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގައުމުދެކެ ލޯބިވާ، ގައުމަށްޓަކައި ގުރްބާންވާން ތައްޔާރަށް ތިބި ބަޔަކު އުފެއްދުމަކީ، އުފާކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

”އަޅުގަނޑު މައިގަނޑު ގޮތެއްގައި މިއަދު ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ، ގައުމަށްޓަކައި ޤުރްބާންވުމަކީ، ހަމައެކަނި ސިފައިންގެ، ނޫނީވިއްޔާ ފުލުހުންގެ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ މިއަދުގެ މި ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ނަގާލުމަށް، ނޫނީވިއްޔާ ޤައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލާން. އޭރުގައި އެކަން ކުރާގޮތަކަށް ނޫން، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެ ޤައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގައި ހަރަކާތްތެރިވަނީ. މިއަދުގެ މި ޓެކްނޯލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ، އަޅުގަނޑުމެން ޣާފިލްވެގެން ތިއްބާ،“ ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ