މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. އަތޮޅު ރަސްގެތީމުގެ ގެއެއް ބަލައިފާސްކޮށް ނުވަ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއދު ބުނީ މި މީހުން ހައްޔަރުކުރީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށެވެ.
އެއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ހުޅުދުއްފާރު / ލޫނާ، އަހްމަދު ނިހާން (23އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) އާއި، ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) އާއި، ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުހައްމަދު (32އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) އާއި، ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީޙާ ބިންތި ޢަލީ ވަހީދު (21އ) އާއި، ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް އާދިލް (38އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އަހްމަދު ވިޝާމް (41އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ހުސައިން ސަރްޙާން (30އ) އެވެ.

ހައްޔަރުކުރި މީހުން—ފޮޓޯ: ޕޮލިސް ސާވިސްހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނިހާން (23އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަމީނާ މުހައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި އަލީ ވަހީދު (21އ) އާއި، އަހްމަދު ވިޝާމް (41އ) އާއި، ހުސައިން ސަރްޙާން (30އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެެވެ.






