އެމެރިކާގައި ބަނޑުހައި ހޫނުކަން ހައްދުފަހަނަޅާފައިވާ މިންވަރަކަށް އިތުރުވެ، އެޤައުމުގެ އާބާދީގެ ބޮޑުބައެއް ބަނޑުހައި ހޫނުކަމުގައި އުޅޭ ކަމުގެ ރިޕޯޓުތައް އާންމުވެއްޖެއެވެ. 348 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާގެ 12 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުންދާ ބަޔެއް ކަމަށް ހާމަވެފައިވެއެވެ.
އެމެރިކާގެ އާބާދީގެ 12 އިންސައްތަ މީހުންނަކީ އެންމެ ފަގީރު އާބާދީގެ ތެރޭގައި ހިމެނޭ 41 މިލިއަން މީހުންނެވެ. މިމީހުން ދިރިއުޅުމަށް ބޭނުންވާ ކާނާ ސަރުކާރުން ފޯރުކޮށްދެމުން އަންނަނީ ”ފުޑް ސްޓޭމްޕް“ މެދުވެރިކޮށެވެ.
އެމެރިކާ ސަރުކާރުން ވަނީ މިމަހު ފަގީރުންނަށް ކާން ބަހާ ފައިސާ ނުބަހާން ނިންމާފައެވެ. ފަގީރުންނަށް ކާން ދޭ ޕްރޮގްރާމަށް ކޮންމެ މަހަކަށް 9 (ނުވައެއް) ބިލިއަން ޑޮލަރު ބޭނުން ވެއެވެ. އެއީ އެވްރެޖްކޮށް މަހަކަށް މީހަކަށް 189.60 ޑޮލަރު އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ، 2924 ރުފިޔާ އެވެ.
އެމެރިކާ ސަރުކާރު ބަންދުކޮށްފައި މަސައްކަތް ހުއްޓާފައި ވުމުން އެމެރިކާ ސަރުކާރުގެ 2 މިލިއަން މުވައްޒަފުންނަށް މުސާރަ ދީފައެއް ނުވެއެވެ! އަދި 9 ލައްކަ މީހުން ވަނީ މުސާރަ ދޭން ޖެހިދާނެތީ ވަޒީފާއިން ވަކިކޮށްފައެވެ.






