ބެންގަލޫރު އެއަރޕޯޓް ޓާމިނަލްގައި ނަމާދުކުރުމުން ބީޖޭޕީ މޭކަރައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 10, 2025

ކަރްނާޓަކާ ސްޓޭޓްގެ އިދިކޮޅު ބީޖޭޕީ އިން ވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލް 2 ގެ ބޭރުގައި ބަޔަކު ނަމާދުކުރާ މަންޒަރު ފެންނަ ފޮޓޯއަކާއި ވީޑިއޯއެއްގެ މައްސަލައިގައި މޭކަރައިގެން މައްސަލަ ޖައްސާފައެވެ. އިސްލާމޯފޯބިއާގެ މައްސަލައެއްކަމަށް ބެލެވޭ މި ކަމުގައި ބީޖޭޕީން ވަނީ މުސްލިމުން ޓާމިނަލްގެ ބޭރުގައި ނަމާދު ކުރީ ކާކުގެ ހުއްދައިގެންތޯ އަހައި ސުއާލުކޮށް މައްސަލަ ޖައްސާފައެވެ.

ބީޖޭޕީން ވެރިކަން ކުރާ ސްޓޭތްތަކުގައި މުސްލިމުންނަށް ދުއްޕާން ކޮށްހަދައެވެ. އެގޮތުން ބީޖޭޕީގެ ޗީފް މިނިސްޓަރުން ކަމަށްވާ ޔޯގީ އާއި ހިމަންތާ ބިސްވާސްއަކީ މިކަމުގައި ހައްދުފަހަނައަޅާފައި ތިބޭ މީހުންނެވެ. ޔޯގީ ވަނީ ޔޫޕީގައި ހަލާލު ލޭބަލްޖެހި ކާނާ އުފެއްދުމާއި ވިއްކުންވެސް މަނާ ކޮށްފައެވެ. ހިމަންތާ ވަނީ އިހަށް ދުވަހު އެކަކަށް ވުރެން ގިނަ މީހުންނާ އިނުމަކީ އާސާމްގައި މަނާކަމެއް ކަމަށް ނިންމާފައެވެ.

ބީޖޭޕީން މޭކަރާފައިވާ ވީޑިއޯއަކީ ކޮން ތާރީޚެއްގައި ހިނގާފައިވާ ކަމެއް ކަން ސާފެއް ނުވެއެވެ.

ބީޖޭޕީގެ ތަރުޖަމާނު ވަނީ މިފަދަ އަމަލެއް ހައި ސެކިއުރިޓީ ޒޯނެއްގައި ހިނގި ގޮތް ޗީފް މިނިސްޓަރ ސިއްދަރާމައްޔާ އާއި އައިޓީ މިނިސްޓަރ ޕްރިޔަންކް ކަރްގޭގެ ފަރާތުން ސާފުކޮށް ދިނުމަށް އެދިފައެވެ.

އިންޑިއާގައި ކޮންމެ ދީނަކަށް ނިސްބަތްވާ މީހަކު ކަމުގައިވިއަސް މަގުމަތީގައި އަޅުކަން ކުރުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް މުސްލިމުން މިކަން ކުރުމުން މިމީހުން މޭކަރައެވެ. އަދި އިންޑިއާއަކީ ދުވާރުމަތީގައި ފައްޅި ހަދައި ބުދު ބަހައްޓާ ގައުމެއްވެސް މެއެވެ.

މި ލިޔުމާ ގުޅޭ