ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެން ގޮސްފައިވާ ކަމަށް ބުނެ އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
”ސާފު ފެން ލިބުމަކީ އަސާސީ އިންސާނީ ހައްޤަކަށް ވީ ހިނދު، ރަށުގެ ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަނަމަވެސް، މިފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމީ ކަންބޮޑުވާ ކަމެކެވެ“ އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
އެޕާޓީން ބުނެފައިވަނީ ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަކީ ކުރިއާލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަޙައްމަލު ނުކޮށް ވާނެ ދަތިތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
ފުވައްމުލަކުން ފެނުގެ ޚިދުމަތް މެދު ކެނޑުމުން އަސާސީ އެތައް ރައްޔިތުން ތިބީ މަޙްރޫމުވެފައި ކަމަށް ވެސް ބުނެފައިވެއެވެ. އެފަދަ ވަގުތެއްގައިވެސް ފެނުގެ ޚިދުމަތް ވަކި ވަގުތެއްގައި ލިބޭނެކަމަށް ސަރުކާރުން ބުނެ، އެ ވަގުތައް ޚިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާޤާބިލްކަން ހާމަވާ، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިޙާލު އިތުރަށް ބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވަނީ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދިނުމަށެވެ. އަދި ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.






