ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޤާނޫނުއަސާސީއަށް ގެންނަ 27 ވަނަ އިސްލާޙު ފާސްކޮށްފައެވެ. މި އިސްލާޙަކީ ސިފައިންގެ ވެރިޔާގެ ބާރުތައް ފުޅާކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށްފައިވާ އިސްލާހެކެވެ.
މި އިސްލާޙުގެ ދަށުން، ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، މިހާރު ހުންނަވާނީ ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ މަޤާމުގައެވެ. މި މަޤާމުގެ ދަށުން، އޭނާއަށް ނޭވީ އަދި އެއަރ ފޯސްގެ ކޮމާންޑް ވެސް ލިބިގެންދެއެވެ.
މީގެ އިތުރުން، ފީލްޑް މާޝަލް، މާޝަލް އޮފް ދަ އެއަރ ފޯސް، ނުވަތަ އެޑްމިރަލް އޮފް ދަ ފްލީޓްގެ މަޤާމަށް ޕްރޮމޯޓު ކުރާ އޮފިސަރުންނަށް، އެމީހުންގެ ރޭންކާއި ޔުނިފޯމާއި އިމްތިޔާޒުތައް ދާއިމީ ގޮތެއްގައި ލިބި، އެއްވެސް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ކުރުމާ ދެކޮޅަށް އުމުރު ދުވަހަށް އިމްތިޔާޒު ލިބިގެންދެއެވެ. މާނައަކީ ސިފައިންގެ އެންމެ އިސް އޮފިސަރުންނަކީ ގާނޫނަށް ވުރެން މަތީގައި ތިބޭނެ ބައެކެވެ.
މި ބިލް ތަސްދީގު ކުރުމާއެކު ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ބުރާސްފަތި ދުވަހު މި ބިލްގައި ސޮއިކުރައްވައި ޤާނޫނަކަށް ހައްދަވާފައެވެ.
މި ބިލާއެކު ޒަރުދާރީއަށް ވެސް އުމުރު ދުވަހަށް ގާނޫނީ ފިޔަވަޅެއް އެޅުމަކާ ނުލައި އިމްތިޔާޒު ލިބި ގާނޫނަށް ވުރެން މަތީގައި ހުންނެވޭނެއެވެ.
އިދިކޮޅު އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ މެންބަރުން ވަނީ ވޯޓު ދޭން ދެކޮޅު ހަދައި، ބިލްގެ ކޮޕީތައް ވީދާލާފައި މަޖިލިސް ތެރޭގައި އަޑު ގަދަ ކޯށް ހަދާފައެވެ.
އިސްލާޙުގެ ދަށުން، ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އައު ދުސްތޫރީ ކޯޓެއްވެސް އެކުލަވާލާފައި ވެއެވެ. އެ ކޯޓަށް އުއްތަމަ ފަނޑިޔާރާއި އިތުރު 6 ގަނޑިޔާރުން ވަނީ އައްޔަން ކޮށްފައެވެ. އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޤާނޫނީ ތަޖުރިބާކާރުން މި އިސްލާޙު ސިފަކުރަނީ މިއީ ޝަރުޢީ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައެވެ.
ކުރީގެ ޑިޕްލޮމެޓް މަލީހާ ލޯދީ ވިދާޅުވެފައި ވަނީ މި ބަދަލުތަކުގެ ސަބަބުން ޝަރުޢީ ދާއިރާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް ސިފައިންގެ ބާރުގަދަ ވާނެ ކަމަށެވެ.
ނަމަވެސް، ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ފިޔަވަޅަކީ އިދާރީ އެއްބައިވަންތަކަމާއި ޤައުމީ އެއްބައިވަންތަކަން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ.
ޕާކިސްތާނުގެ 78 އަހަރުގެ ތާރީޚުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަހު ވެރިކަން ކޮށްފައި ވަނީ ސިފައިންނެވެ.
އެންމެ ފަހުން 2008 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވީ ޖެނެރަލް ޕަރުވޭޒް މުޝައްރަފެވެ.






